މެދު ރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް މިއަދު މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މެދު ރާއްޖެތެރޭގެ ބޮޑުބަޔަކަށް ކުރިއަށް އޮތް 24 ގަޑިއިރު، ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް މެޓުން ވިދާޅުވެއެވެ.
ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ.ގާފަރަށްށެވެ. އެގޮތުން ކ.ގާފަރަށް 23.3 މިލިމިޓަރުގެ ވާރޭވެހިފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އަދި އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ.
މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.