ޚަބަރު

ޞިއްޙީ ޚިދުމަތް ހޯދުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދޭނަން: ވަޒީރު ނާޡިމް


  • ތެރަޕީތަކާއި ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ވަނީ ފާހަގަކޮށްފައި

  • ކަންބޮޑުވުންތައް ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޞިއްޙީ ޚިދުމަތް ހޯދުމަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާއި ބެހޭ ވަޒީރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެވެ.

ވަޒީރު މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސިއްޙަތާ ބެހޭ ވަޒީރު އަބުދުﷲ ނާޒިމް އިބްރާހީމާއެކު ބޭއްވި ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންވަނީ ޚިދުމަތް ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ވަޒީރާ ހިއްސާކޮށްފައެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދެމުންދާ ތެރަޕީތަކާއި ސިއްޙީ ހިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެކުދިންނަަށް ފަރުވާ ހޯދުމުގެ ކަންކަމުގައި ކުރިއެރުން ހޯދުމަށް ހުރި ފުރުޞަތުތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވަޒީރު މަޝްވަރާކޮށްފައެވެ.

ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ވަޒީރު ވަނީ އެކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އިތުރަށް ކުރެވެން ހުރި ކަންތައްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ހުޅުމާލޭ ހޮސްޕިޓަލާއި، އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ އިސްވެރިންން ވަނީ ބައިވެރިވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީ ޚިދުމަތުގެ ޤައުމީ މިންގަނޑުތައް އެކުލަވާލުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ސިއްޙީ ވުޒާރާ އާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯއާ ގުޅިގެންދަނީ މަސައްކަތް ކުރަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ތެރަޕީގެ ޚިދުމަތަކީ މުޖްތަމައަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަކަށްވާއިރު ތެރަޕީގެ ޚިދުމަތްތައް ދިނުމުގައި ޤައުމީ ފެންވަރުގެ މިންގަނޑުތަކެއް އެކުލަވާލެވުމަކީ ތެރަޕީތަކުގެ ފައިދާ އެންމެ ހެޔޮގޮތުގައި ހޯދާ ފަރާތްތަކަށް ލިބިގެން ދާނެކަމެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.