ޚަބަރު

މާލޭ ސަރަޙައްދުގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރަން ބީއެމްއެލް އިސްލާމިކުން 350 މިލިޔަން ރުފިޔާގެ ލޯނު ދެނީ


  • ވަޤުފު އިމާރާތްތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ވަޒީރު ވިދާޅުވި

  • "ދާރުލްއީމާން" އަކީ އިސްލާމީ ވަޤުފު ފަންޑުގެ އެސެޓެއްކަމުގައި ވަނީ ކަނޑައަޅާފައި

  • ވަޤުފު ފަންޑު ހަރުދަނާކުރުމަށް މުހިންމު ނިންމުންތަކެއް ނިންމަވާފައިވޭ

މާލޭ ސަރަޙައްދުގައި ސަރުކާރުން ތަރައްޤީކުރާ ވަޤުފު އިމާރާތްތަކުގެ މަޝްރޫޢަށް ބީއެމްއެލް އިސްލާމިކްއިން 350 މިލިޔަން ރުފިޔާގެ ލޯން ދިނުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ވަޤުފް ފަންޑު ތަރައްޤީކުރުމާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމަވާއި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އިޢުލާންކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަޢުދުތަކުގެ ތެރެއިން މުހިންމު އެއް ވަޢުދަކީ ވަޤުފު ފަންޑުގެ މަޝްރޫޢުތައް ފުޅާކުރުމުގެ ވަޢުދުކަމަށެވެ. އަދި އޭގެ ބޭނުމަކީ އިސްލާމީ ޚިދުމަތްތަކަށް ހޭދަކުރަން ބޭނުންވާ ފައިސާ ހޯދުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، އިސްލާމީ ވަޤުފު ފަންޑު ތަރައްޤީކުރުމަށް ވުޒާރާއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އިސްލާމީ ވަޤުފް ފަންޑު ތަރައްޤީކުރުމަށްޓަކައި އިސްލާމިކް ވަޤުފު ފަންޑުން ހޭދަކުރުމުގެ ދާއިރާތައް ފުޅާކުރުމަށް ވަނީ ނިންމަވާފައެވެ. އަދި "ދާރުލްއީމާން" އިމާރާތަކީ އިސްލާމީ ވަޤުފު ފަންޑުގެ އެސެޓެއްކަމުގައި ރަސްމީކޮށް ކަނޑައެޅުމާއި އެތަނުން ލިބޭ ނަފާއަކީ މިސްކިތްތަކަށް ޚާއްޞަކޮށް ވަޤުފުކުރެވިފައިވާ އެއްޗަކަން ހެދުމަށްވެސް ނިންމަވާފައިވެއެވެ.

އަލަށް އިމާރާތްކުރާ ވަޤުފު އިމާރާތްތައްކަމަށްވާ "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް" އިން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރިވުމަށް އެހީވާ ވަޤުފު ފަންޑަށް ކަނޑައެޅުމާއި ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑުގައި 15 މިލިޔަން ރުފިޔާގެ (ކޭޝްވަޤްފު) އުފެއްދިކަމުގެ ވަޘީޤާގައި ސޮއިކުރުމަށްވެސް ވަޒީރުވަނީ ނިންމަވާފައެވެ.

ހަމައެހެންމެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ 'ޒަކާތު ފަންޑާއި ގުޅިގެން "ދާރުއްސަލާމް" އާއި "ދާރުލް އަރްޤަމް" ތަރައްޤީކުރުމަށް ނިންމުމުގެ ވަޘީޤާގައި ސޮއިކުރުމަށްވެސް ނިންމަވާފައިވެއެވެ.

މީގެ އިތުރުން މި މަޝްރޫޢުތަށް ކުރިއަށް ގެންދިއުމަށް ބީއެމްއެލް އިސްލާމިކް އިން 350 މިލިޔަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފައިވާކަންވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ވަޤުފު ފަންޑުގެ އިންވެސްޓްމަންޓްތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި މި މަޝްރޫޢުތައް ނިމުމުން އިސްލާމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށެވެ.

މި މަޝްރޫޢުތަކަކީ މި ދައުރުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބިޔަ މަޝްރޫޢުތަކެވެ.