އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް ކުރިއަށްގެންދާ ޤައުމީ އެސެސްމަންޓް މިމަހުގެ 27 ވަނަ ދުވަހު ފަށާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް، ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ނެޝަނަލް އެސެސްމެންޓް ފޯ ލާނިންގ އައުޓްކަމްސް (ނާލޯ)، މިއަހަރުން ފެށިގެން މުޅިން އަލަށް، ކީ ސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ކުރިއަށްގެންދިޔުމަށް ތަޢުލީމީ ވުޒާރާއިން ވަނީ ނިންމަވާފައެވެ. އެކަން ހާމަކުރެއްވީ މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެގޮތުން ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ދެއްވި ޚިޠާބުގައެވެ.
ތައުލީމީ ވުޒާރާއިން ވިދާޅުވީ މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި ހިސާބު، އިނގިރޭސި އަދި ސައިންސް މާއްދާއިން މިއެސެސްމެންޓް ދޭނެކަމަށެވެ. މި މާއްދާތަކުގެ އިމްތިހާނުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 އިން 29 ވަނަ ދުވަހަށެވެ. އަދި ދެވަނަ ޓާމުގައި ދިވެހި، އިސްލާމް މި ދެ މާއްދާގެ އެސެސްމެންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މި މާއްދާތަކުގެ އިމްތިހާން އޮންނާނީ ސެޕްޓެމްބަރު 2 އިން 3 އަށްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ތައުލީމީ ވުޒާރާއިން ވިދާޅުވީ މިއަހަރަކީ އިސްލާމް މާއްދާއިން ނާލޯ ފަދަ އެސެސްމެންޓެއް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ.
މީގެކުރިން މި އެސެސްމަންޓް ކުރިއަށް ގެންގޮސްފައިވަނީ ކީސްޓޭޖް-1 އަދި ކީސްޓޭޖް-2 ނިންމާ މަރުހަލާގައެވެ.
ނާލޯ އަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ޙާލަތާއި، ސްކޫލުތަކުގައި ތަންފީޒުކުރަމުން އަންނަ ޤައުމީ މަންހަޖުގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސިލްސިލާކޮށް ކުރިއަށްގެންދާ އެސެސްމެންޓެކެވެ.