ކުޅިވަރު

ވީއޭއެމް ކަޕް: ހުރާ ކޮމިއުނިޓީ ކުލަބު ތިންވަނަ ސެމީއަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ކަޕް 2025 ގެ ތިންވަނަ ސެމީ ފައިނަލުގެ ޖާގައެއް ހުރާ ކޮމިއުނީޓީ ކުލަބުން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުން ހުރާ މޮޅުވީ ފްލެކްސަރ ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ވާދަވެރިކޮށް ފެނިގެންދިޔައިރު، ފުރަތަމަ ސެޓު ނިމުމާ ގާތްވެފައި ވަނިކޮށް ދެ ޓީމުން ދިޔައީ ހަމަހަމައަށް ޕޮއިންޓް ހޯދަމުންނެވެ. އެކަމަކު ފުރަތަމަ ސެޓުގެ ފަހު ދެ ޕޮއިންޓުން ލީޑު ނަގައި ހުރާއިން ސެޓު ކާމިޔާބުކުރީ 25-23 އިންނެވެ.

މި މެޗުގެ ދެވަނަ ސެޓު ފަށައިގެން ފްލެކްސަރއިން ބޮޑު ފަރަގަކާއެކު ލީޑު ނެގި ނަމަވެސް، ސެޓުގެ ފަހުބައިގައި ކުޅުން ރަނގަޅުކޮށް ހުރާ ޓީމުން ވަނީ 28-26 މި ސެޓު ކާމިޔާބުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ގެއްލުމާއެކު ފްލެކްސަރއަށް ތިންވަނަ ސެޓުގައި މާ ބޮޑު ހިތްވަރެއް ކުރެވުނު ތަނެއް ފެނިގެން ނުދިޔައެވެ. އެއާއެކު ހުރާއިން މި ސެޓު ކާމިޔާބުކުރީ 12-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަ ހޮވިފަވަނީ ހުރާ ޓީމުގެ ރަޝިޔާ ކުޅުންތެރިޔާ ވެރޯނިކާއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ހުރާ ޓީމުގެ ކޯޗު މުޙައްމަދު ނަދީމް ބުނީ މެޗުގެ ތަފާތަކަށް ވެގެންދިޔައީ ހުރާ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރު ކަމަށާއި، މުބާރާތުގައި ތިންވަނަ ސެމީގައި ކޮންމެ ޓީމަކާ ދެކޮޅަށް ނުކުންނަން ޖެހުނު ނަމަވެސް ހިތްވަރުކުރާނެ ކަމަށެވެ.

ފްލެކްސަރގެ ކޯޗު މުޙައްމަދު އިކުލީލް ބުނީ މުބާރާތުގައި އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ތައްޔާރުނުވުމާއި، އަނިޔާގެ މައްސަލަތައް ކަމަށެވެ.