ޚަބަރު

އެސްޓަން ވިލާ މޮޅުވި ނަމަވެސް ޕީއެސްޖީ ސެމީއަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން އެސްޓަން ވިލާ މޮޅުވި ނަމަވެސް، މުބާރާތުން އެ ޓީމު ކަޓައިފިއެވެ. ކުއާޓަރ ފައިނަލް ފުރަތަމަ ލެގު 3-1 ގެ ނަތީޖާއަކުން ޕީއެސްޖީން ކާމިޔާބުކޮށްފައިވާތީ، ރޭގެ ނަތީޖާ އާއެކު ޕީއެސްޖީއަށް ކުރި ލިބިފައިވަނީ 5-4 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން އެގްރިގޭޓް ނަތީޖާއިން ޕީއެސްޖީއަށް ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ލިބިފައެވެ.

އެސްޓަން ވިލާގެ ވިލާ ޕާކުގައި ރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗު އެސްޓަން ވިލާއަށް ގެއްލިފައިވަނީ ހެދުނު ގޯހަކުންނެވެ.

މެޗުގެ 11 ވަނަ މިނިޓުގައި އެސްޓަން ވިލާގެ ގޯލުކީޕަރު އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އަޝްރަފް ހަކީމީ ވަނީ ލަނޑެއް ޖަހާ ޕީއެސްޖީއަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ 27 ވަނަ މިނިޓުގައި ނޫނޯ މެންޑޭޒް ވަނީ ޕީއެސްޖީއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އެސްޓަން ވިލާއިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 34 ވަނަ މިނިޓުގައި ޔޫރީ ޓިއެލެމަންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޕީއެސްޖީ އިން ފުރަތަމަ ޖެހި ދެ ލަނޑާއެކު ހަތަރު ލަނޑު ޖަހައިގެން ނޫން ގޮތަކަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެސްޓަން ވިލާއަށް ނުލިބޭނެކަން އެނގޭއިރު އެ ނަތީޖާ އަނބުރާލުމަށް ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީ އާއި ދެކޮޅަށް އެ ޓީމުން ވަނީ ގިނަ ހަމަލަތަކެއް އުފައްދާފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގައި އެސްޓަން ވިލާގެ ޖޯން މެކްގިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ޑިފެންޑަރ އެޒްރީ ކޮންސާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި އެސްޓަން ވިލާއިން ލީޑު ނެގުމާއިއެކު އެ ޓީމުގެ އިތުބާރު ބޮޑުވެ ޓީމުގެ ފަރާތުން ވަނީ ފަހު 20 މިނިޓުގެ ތެރޭގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން އެ ޓީމުން ޕީއެސްޖީގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ހަތަރު ހަމަލައެއް ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ ވަނީ ދިފާއުކޮށްފަ އެވެ. މި މެޗުން ޕީއެސްޖީ މޮޅުކޮށްދިނުމުގައި އިޓަލީ އާއިއެކު 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކީޕަރު ޑޮންނަރޫމާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕީއެސްޖީ އާއި ދެކޮޅަށް ނިކުންނާނީ ރެއާލް މެޑްރިޑް އާއި އާސެނަލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.