ޚަބަރު

ސިވިލް ސަރވިސް ކޮމިޝަނަށް މުޖުތާޒް ޢައްޔަންކުރަން މަޖިލީހުން ރުހުންދީފި


  • މުޖުތާޒު ވަނީ ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައި

  • ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން މިދިޔަ މަހު ހުޅުވާލި

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް މއ. ސިގްމާ، އަލްއުސްތާޛް މުޙައްމަދު މުޖުތާޒް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މުޖުތާޒު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވެވި މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާ ކުރެއްވުމަށްފަހު އޭނާ ޢައްޔަންކުރައްވަން ފެނިވަޑައިގަންނަވާކަމަށް ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހުގެ 11 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

އިބްރާހީމް ރަޝީދު މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ފެށީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި ހުރި ބައެއް މައްސަލަތަކާއި އިތުރު ބައެއް ތުހުމަތުތަކާއި ގުޅިގެންނެވެ.

އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 12ވަނަ ދުވަހުއެވެ.

މިނިވަން މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން ޢައްޔަން ކުރައްވާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިންނެވެ. އެގޮތުން، މިފަހަރު ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މުޖުތާޒު ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވިއެވެ.

މުޖުތާޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް މުޖުތާޒު ޢައްޔަންކުރެއްވުމަށް ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާޤުންނެވެ.

ސިވިލް ސަރވިސް ކޮމިޝަން އެކުލެވިގެން ވަނީ 5 މެންބަރުންގެ މައްޗަށެވެ. މިހާރު އެ ކޮމިޝަނުގައި ތިއްބެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިޙާއި ކޮމިޝަނުގެ މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފް އަދި ފާތިމަތު ޙަބީބާއެވެ.