ކުޅިވަރު

އެތުލެޓިކްސް ދުވަސް ފާހަގަކުރުމަށް ޚާއްސަ އިވެންޓެއް


ދުނިޔޭގެ އެތުލެޓިކްސް ދުވަސް ފާހަގަކުރުމަށް ކުލަބު ރޭސާސް އާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ޚާއްސަ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

"ކިޑްސް އެތުލެޓިކްސް ޑޭ 2025"ގެ ނަމުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން މި އިވެންޓު ރާވާފައިވާއިރު މި ހަރަކާތަކީ ފީއެއް ދެއްކުމަކާ ނުލާ ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ އިވެންޓެކެވެ.

މި ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން މިކަން އިންތިޒާމުކުރުމުގައި ބައިވެރިވާ އެއް ފަރާތްކަމަށްވާ ކްލަބް ރޭސާސްގެ ޚަޒާންދާރު މަރްޔަމް ޝަހުޒާ ބުނީ މިފަދަ އިވެންޓެއް ބެއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ދުޅަހެޔޮ ދިރިއުޅުމަކަމަށް ކުޑަކުދިން ހޭލުންތެރިކުރުވުން ކަމަށެވެ. މިގޮތުން މި ހަރަކާތުގައި ބައިވެރިވާ ކުދިންނަށް މި އިވެންޓުގެ ތެރެއިން ކުޅިވަރުގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިދެވޭނެކަމަށެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ދުޅަހެޔޮ ދިރިއުޅުމެއްގެ މުހިންމުކަން އަންގައިދީ ބުނެދިނުމަށް ޚާއްސަ ބޫތެއްވެސް ތައްޔާރުކުރެވޭނެކަމަށް އޭނާ ބުންޏެވެ. މިތަނުން ކުޑަކުދިންނަށް މިންހެޔޮ ކާނާ، ކަސްރަތުގެ މުހިންމުކަން އަދި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅުންހުރި ތަފާތު ގިނަ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އޭނާގެ ވާހަކައިގައި ފާހަގަކުރިއެވެ.

"މި އިވެންޓުގައި ކުރިއަށްދާނީ ކިޑްސްގެ ފަންޑަމެންޓަލް އެކްޓިވިޓީސް. މިސާލަކަށް ޖަމްޕުކުރުން، ސްކިޕްކުރުމާ ސްޕްރިންޓްކުރުންފަދަ ކަންކަން. އޭގެ އިތުރުން ތަފާތު ކުޅިވަރުތަކާ މައުލޫމާތު ސެޝަންތައްވެސް ކުރިއަށްދާނެ" ޝަހުޒާ ބުންޏެވެ.

"ކިޑްސް އެތުލެޓިކްސް ޑޭ 2025"ގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާއިރު، މިއީ އުމުރުން 7 އަހަރާ 12 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަކުރެވިފައިވާ ހަރަކާތެކެވެ.

"މި ހަރަކާތުގައި މި ދެންނެވި އުމުރުފުރާއިން ހަމަ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް" މި ހަރަކާތާ ގުޅޭގޮތުން ޝަހުޒާ މައުލޫމާތުދިނެވެ.

އަންނަ މޭމަހުގެ 10 ވަނަ ދުވަހު މި ހަރަކާތްކުރިއަށްދާނީ ހުޅުމާލޭ ރަނިންގ ޓްރެކްގައެވެ. އެދުވަހު މެންދުރު 1 ޖަހާއިރު މި އިވެންޓް ފެށިގެންދާއިރު، އިރުއޮއްސި 6 ޖެހުމާ ހަމައަށް މިކަން ކުރިއަށްދާނެއެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ކުދިން ބާކޯޑު ސްކޭންކޮށްލުމުން "ކިޑްސް އެތުލެޓިކްސް ޑޭ 2025"ގެ ހަރަކާތުގައި ބައިވެރިވެވޭނެކަމަށް ކުލަބު ރޭސާސްގެ ޚަޒާންދާރު ޝަހުޒާ ވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ބުނެފައެވެ.

ދުނިޔޭގެ އެތުލެޓިކްސް ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭމަހުގެ 7ވަނަ ދުވަހެވެ. މިދުވަސް ރަސްމީ ސިފައެއްގައި އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1996 ވަނަ އަހަރުއެވެ. އެ އަހަރު 50 ޤައުމަކުންވަނީ ދުނިޔޭގެ އެތުލެޓިކްސް ދުވަހުގެ ހަރަކާތުގައި ބައިވެރިވެފައެވެ.