އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެެތެރެވުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ހިތްވަރުގަދަ ތާރީޚީ ނިންމެވުމެއްްކަމަށް ރަށްރަށުގެ ކައުންސިލްތަކުން ވިދާޅުވެއްޖެއެވެ.
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކޮށް އިމިޤްރޭޝަން ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީޤުކުރެއްވުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި، ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުންވެސް އަންނަނީ އެކަން ފާހަގަކޮށް، ދިވެހި ސަރުކާރަށް ތައުރީފްކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމަށް ޝުކުރު ދަންނަވައި، ބަޔާން ނެރުއްވި ކައުންސިލްތަކުން ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށް ލާއިންސާނީ އެތައް އަނިޔާއެއްދެމުންދާ ޔަހޫދީން ޗުއްޓީ ހޭދަކޮށް، ހިތް އުފާކުރުމަށް ރާއްޖެ ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ދިވެހިން ގޮވާލަމުންދާތާ އެތައް ޒަމާނެއްވެއްޖެކަމަށެވެ. ނަމަވެސް މިހާތަަނަށް އެފަދަ ނިންމެވުމެއް ނިމިދިޔަ އެއްވެސް ސަރުކާރަކުން ނިންމަވާފައި ނުވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ފިއްތުންތަކަށް ބެއްލެވުމެއްނެތި، ދިވެހި ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުން އެދުނު ގޮތަށް އިސްރާއީލުގެ ޕާސްޕޯޓް މަނާކުރެއްވުމަކީ އެމަނިކުފާނު ނިންމެވި ހިތްވަރުގަދަ ތާރީޚީ ނިންމެވުމެއްކަމަށް ކައުންސިލްތަކުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްރާއީލް ޕާސްޕޯޓު މަނާކުރާ ބިލް ތަސްދީގުކުރެއްވުމާއި ގުޅިގެން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލުން ނެރޭ ނޫސްބަޔާން. @presidencymv @MMuizzu @mvpeoplesmajlis pic.twitter.com/ttm7lkIPZ1
— Faihath (@faihath) April 16, 2025
ކައުންސިލްތަކުން ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަގައުމަކަށްވިޔަސް، ލާއިންސާނީ އަމަލުތަކާއި ދެކޮޅުކަން މުޅި ދުނިޔެއަށް ހާމަކޮށް، ނަމޫނާ ދައްކަވާފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާއި މަޖިލީހުގެ މެމްބަރުންނަށް ޝުކުރު ދަންނަވާކަމަށެވެ.
ރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް އަންނަނީ ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމެވި ނިންމެވުމުން ފާހަގަކޮށް، ޝުކުރު ދަންނަވަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ ބޮޑެތި މީޑިއާތަކުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޚަބަރުތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވަނީ ރައީސް މުޢިއްޒުގެ ސަރުކާރުން ނިންމެވި ނިންމެވުމަކީ ދުނިޔެއަށް މިސާލެއްކަމަށެވެ. އަދި ރާއްޖެއިން ފަތުރުވެރިކަމަށް ބަރޯސާވާއިރު، މިފަދަ ނިންމެވުމަކުން ދޭހަކޮށްދެނީ ފައިސާއާއި މާއްދީ ފައިދާއާއި ބާރުތަކުގެ ފިއްތުންތަކަށް ނުގުޑާ، އިންސާނީ ކަރާމާތް ހިމާޔަތްކޮށް، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަމިއްޔަތުކަމާއި، ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުކަމަށްވެސް ސޯޝަލް މީޑިއާގައި ޝުޢޫރު ފާޅުކުރި ފަަރާތްތަކުން ބުނެފައިވެއެވެ.
ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ގިނަ ބަޔަކު ތައުރީފުކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ ބައިނަލްއަޤްވާމީ ހުރިހާ ޕްލެޓްފޯމެއްގައިވެސް އިސްރާއީލުގެ އަމަލުތައް ކުއްވެރިކޮށް، ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި ކެނޑިނޭޅި ވަކާލާތުކުރައްވަމުންނެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ކުރައްވާ މަސައްކަތުގެ އިތުރުން، ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް އެކި ފަރާތްތަކުން ހިންގާ ތަފާތު ހަރަކާތްތަކުގައިވެސް ސަރުކާރުން ގެންދަވަނީ ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.