ޔުއެފާ ޔޫރޮޕާ ލީގުގައި މިރޭ ފްރާންސްގެ ލިޔޯންއާ ދެކޮޅަށް ކުޅޭ މެޗުގައި މެންޗެސްޓާ ޔުނައިޓެޑުގެ ގޯލު ބަލަހައްޓާނީ އަންދްރޭ އޮނާނާ ކަމަށް ނިންމައިފިއެވެ.
ކޯޗު ރުބެން އަމޮރިމް މި ގޮތަށް ނިންމީ މި ދެ ޓީމު ހުސްވި ހަފުތާގައި ކުޅުނު މެޗުގައި އޮނާނާ ބޮޑު ދެ މިސްޓޭކް ހެދުމުން އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗަށް ނުނަގައި ބާކީކުރުމަށްފަހު އެވެ.
ނިއުކާސަލް މެޗުގައި ޔުނައިޓެޑްގެ ގޯލު ބެލެހެއްޓީ ތުރުކީގެ ކީޕަރު އަލްޓީ ބޭއިންދަރެވެ. އެކަމަކު އޭނާ ވަނީ ވެސް 4-1 އިން ބަލިވި މެޗުގައި ގިނަ ގޯސްތަކެއް ހަދައިފަ އެވެ.
އުމުރުން 29 އަހަރުގެ އޮނާނާ ޔުނައިޓެޑާ ގުޅުނީ މީގެ ދެ ސީޒަން ކުރިން އިޓަލީގެ އިންޓަމިލާނުގައި މޮޅަށް ކުޅެފަ އެވެ. އެކަމަކު ޔުނައިޓެޑްގައި އޭނާ ލޭބަލްވެފައިވަނީ އެކުލަބުގެ ތާރީހުގައި ވެސް ފެނުނު އެންމެ ގޯސް އެއް ކީޕަރުގެ ގޮތުގަ އެވެ.
ކޯޗު އަމޮރިން ބުނީ މިރޭގެ މެޗަށް އޮނާނާ ނެރެން ނިންމީ އޭނާ އަށް އިތުބާރުކޮށްފައި ކަމަށެވެ.
"ކޯޗެއްގެ ގޮތުން އަދި ކުރީގެ ކުޅުންތެރިއެއްގެ ގޮތުން އަހަރެން ކުރަންޖެހޭ ކަމަކީ ކުޅުންތެރިންނަށް އިތުބާރު ކުރުން. މި ކުލަބުގައި ހުރި ކޮންމެ ކުޅުންތެރިއަކަށް އަހަރެން ފުރިހަމަ އަށް ސަޕޯޓް ދޭން ޖެހޭނެ. އަހަރުމެން ވާހަކަ ދައްކައިފިން ފިޒިކަލީ ކުޅުންތެރިންނާ ވެސް އަދި ނަފްސާނީ ގޮތުން ވެސް އެމީހުން ތައްޔާރު ކުރުމަކީ އަހަރެންގެ ވާޖިބެއް،" އަމޮރިމް ބުންޏެވެ.
އޭނާ ބުނީ ނިއުކާސަލް މެޗުގައި އޮނާނާ ލައްވައި ނުކުޅުވައި އަރާމަ ކުރަން ފުރުސަތު ދިނީ ނަފްސާނީ ގޮތުން އޭނާ މި މެޗަށް ތައްޔާރުވާން ކަމަށެވެ.
"އެއް ހަފުތާ މިދިޔައީ އޭނާ މެޗެއް ކުޅުނު ފަހުން. އަހަރެން އުއްމީދު ކުރަނި މި މެޗުގައި އޮނާނާ ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް. އަހަރެން ދެކޭ ގޮތުގައި އޭނަ އަށް އަލުން ފުރަތަމަ 11އިން ޖާގަ ދޭން ޖެހޭ. އަހަރެން އޭނާ ނިއުކާސަލް މެޗަށް ނުނެގީ އޭނާއާ ވެސް ވާހަކަ ދައްކާފައި،" ކޯޗު ބުންޏެވެ.
މި މެޗުގެ ޕްރެސް ކޮންފަރެންސްގައި އަމޮރިމްއާއެކު ބައިވެރިވީ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން އަދި ޑިފެންޑަރު ހެރީ މެގުއާ އެވެ. އޭނާ ވެސް ބުނީ އޮނާނާ އަކީ ވަނީ މީގެ ކުރިން ޔުނައިޓެޑްގައި ވެސް ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައި ކަމަށެވެ.
"އޭނާ އަކީ ވަރަށް ރަނގަޅު ޝަހުސިއްޔަތެއް. އަދި އޭނާ ވަނީ ފާއިތުވެދިޔަ ތަނުގައި އޭނާ އަކީ މޮޅު ގޯލްކީޕަރެއްކަން ސާބިތުވެސް ކޮށްދީފައި. އޭނާގެ ކުރިމަތީގައި ހުރެ ކުޅެން އަހަރެންނަށް ފުރުސަތު ލިބޭތީވެ އަހަރެން އުފާކުރަން. އެހެން އެންމެން ފާޑުކިޔާއިރު ހާލަތާ ބައެއް ފަހަރު ކުޅުންތެރިން ކުރިމަތިލާން ޖެހޭ. އޮނާނާ އަށް ދިމާވެފައިވަނީ އެ ފަދަ ކަމެއް. އެކަމަކު މި ފަދަ ވަގުތެއްގައި އޭނާގެ ޝަހުސިއްޔަތުގެ ވަރުގަދަކަން ފެނޭ. އޭނާ އަކީ ފާޑުކިއުންތަކާ ކުރިމަތިލާން ކެރޭ ކުޅުންތެރިއެއް،" މެގުއާ ބުންޏެވެ.
އިނގިރޭސި މީޑިއާތަކުން ބުނަނީ ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް މި ސީޒަނަށް ފަހު ޔުނައިޓެޑުން އައު ކީޕަރަކު ހޯދާނެ ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ކޯޗު އަމޮރިން ވަކި އެއްޗެއް ނުބުންޏެވެ.