ރާއްޖޭގައި އެންމެ ފުރަތަމަ ޑޮކްޓަރުންގެ ދުވަސް ފާހަގަ ކުރަންފެށީ 1964ވަނަ އަހަރުގައެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 18ވަނަ ދުވަސް ޑޮކްޓަރުންގެ ދުވަހަށް ޚާއްސަވެގެން ދިޔައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޮކްޓަރުންގެ ދުވަސް ފާހަގަ ކުރެވުނީ މުޅިން އަލަށް ދިވެހި ޑޮކްޓަރަކު ޤައުމަށް ޚިދުމަތްކުރައްވަން ފެއްޓެވުމުނެވެ.
އިންސާނިއްޔަތަށްޓަކައި އެބައެއްގެ ވަގުތުތައް ހުސްކޮށްގެން ތިބޭ ޚިދުމަތްތެރިންގެ ސަފުން އެންމެ ފާހަގަ ކޮށްލެވޭ އެއްބަޔަކީ ޑޮކްޓަރުންނެވެ. އަމިއްލަ އާއިލާއާއި ރައްޓެހިންނަށްވުރެ ޑޮކްޓަރުން އިސްކަންދެނީ މި މަތިވެރި ޚިދުމަތަށެވެ. ބަލި މީހުންނަށް ހޭހަން ކުރުމާއި، ބަލި މީހުންގެ ތަކްލީފުތަކަށް ލުއި ހޯދައިދިނުމަށް މާތް ﷲގެ ވާގިފުޅާއެކު މަސައްކަތްކޮށް ބަލީމީހުންނަށް ހިނިތުންވުން ގެނެސްދޭ އެއްބަޔަކީ ޑޮކްޓަރުންނެވެ. ކިއުގައި ކިތަންމެ ގިނަ ބަލިމީހުން ތިބި ކަމުގައިވިޔަސް ޝަކުވާއެއްނެތި ޚިދުމަތް ދެއެވެ.
ކޯވިޑް19 ފަދަ އާލަމީ ވަބާގެ ދުވަސްވަރުވެސް ޑޮކްޓަރުން ތިބީ އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން ޞިއްޙީ ޚިދުމަތުގައެވެ. ލޯބިވާ އެތައްބައެއްގެ ފުރާނަ ވަކިވެގެންދާއިރުވެސް ޑޮކްޓަރުންނަކީ އެފަދަ އާއިލާތަކަށް ހިތްވަރެކެވެ. ބަލިމީހުންނަށް ހޭހަން ކުރުމުގައި ލޯތްބާއި އޯގާތެރިކަމާއެކު ކުލުނުވެރިކަން ދައްކާ ބަލި މީހުންގެ އެހީތެރިންނާއި އާއިލާތަކަށް ހިތްވަރުދޭ އެއް ބަޔަކީވެސް ޑޮކްޓަރުންނެވެ.
މިއަދު ރާއްޖޭގެ ޑޮކްޓަރުންގެ ދުވަސް ފާހަގަ ކުރާއިރު އެންމެ ބޮޑު އެއް ކާމިޔާބީއަކީ އަމިއްލަ ގައުމުގައި ޑޮކްޓަރުން ތަމްރީނު ކުރެވޭ ފެންވަރަށް ރާއްޖޭގެ ގައުމީ ޔުނިވަސީޓީ ތަރައްޤީވެ، ޤައުމީ މައި ހޮސްޕިޓަލް އެފެންވަރަށް ތަރައްޤީވެފައި އޮތް އޮތުމެވެ. އަދި ފެންވަރު ރަނގަޅު ޑޮކްޓަރުން އެކި ޤައުމުތަކުން ކިޔަވާވިދާޅުވެގެންއައިސް އަމިއްލަ ޤައުމަށް ޚިދުމަތް ކޮށްދިނުމާއި، ޖޫނިއާ ޑޮކްޓަރުން ތަމްރީނު ކުރުމަށް ދެމި ތިއްބަވާ ތިއްބެވުމެވެ.
ރާއްޖޭގެ ޞިއްޙީ ނިޒާމުގެ އެއްތަނބު ކަމުގައިވާ ޑޮކްޓަރުންނަކީ ސަރުކާރުންވެސް އެބަޔަކަށް ޚާއްސަ އިސްކަމެއްދީގެން ތަމްރީނުކުރުމާއި، އަބަދުވެސް މައުލޫމާތު ތާޒާކުރުމަށް ކުރު ތަމްރީނުތަކާއި ވޯކްޝޮޕްތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ހިތްވަރުދީ މަގުކޮށައިދޭކަން ފާހަގަކުރެވެއެވެ.
މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ރާއްޖޭގެ ސިއްޙީ ދާއިރާގައި ޚިދުމަތްކުރި ގިނަ ޑޮކްޓަރުންނަކީ ބިދޭސީންކަން ފާހަގަކޮށްލެވެއެވެ. ޢާންމު ބަލިތަކުގެ ދިވެހި ޑޮކްޓަރުން ތިބީ މަދު މިންވަރަކަށެވެ. އަދި ޚާއްސަ ބަލިތަކުގެ ދިވެހި ޑޮކްޓަރުން ތިބީ އިނގިލިން ގުނާލެވޭފަދަ މަދު މިންވަރަކަށެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު، މަންޒަރު ވަނީ ބަދަލުވެފައެވެ. ބޭރުގެ އެކި ޤައުމުތަކުން ބޭސްވެރިކަމާއި ގުޅޭ އެކި ކަންތައްތައް އުނގެނި، ދިވެހިންނަށް ޚިދުމަތް ކުރާ ދިވެހި ޑޮކްޓަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ތެރޭގައި ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ކުޅާދާނަ ޑޮކްޓަރުން ތިބުމަކީ ލިބޭ ހިންހަމަޖެހުމެެކެވެ.
2022ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޭރުގެ އާބާދީގެ ކޮންމެ 500 މީހަކަށް ޑޮކްޓަރެއް ހުރެއެވެ. މިހާރު މި އަދަދުތައް ވަނީ އިތުރުވެ، ތަފާތު މަލްޓީ ސްޕެޝަލިޓީގެ އިތުރު ދިވެހި ޑޮކްޓަރުން ތަމްރީނުވެ އެނބުރި ޚިދުމަތާ ގުޅިފައެވެ. އޭގެ ތެރޭގައި ދިވެހި ޔޫރޮލޮޖިސްޓުންނާއި، ނިއުރޮލޮޖިސްޓުންނާއި، އޮންކޮލޮޖިސްޓުންފަދަ ހާއްސަ ދާއިރާތަކުގެ ފަންނީ ގޮތުން ގާބިލު ދިވެހި ޑޮކްޓަރުން މިއަދު ރާއްޖޭގައި އެބަތިއްބެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުޞަތުގެ އިތުރަށް، ޤައުމަތާއެކުވެވޭ އެކިއެކި އެއްބަސްވުންތަކާއެކު ބޭރުގެ ޤައުމުތަކުގައިވެސް މަސައްކަތް ކުރުމުގެ ފުރުޞަތު ދިވެހި ޑޮކްޓަރުންނަށް ލިބެއެވެ. ދިވެހިންނަށް ފަރުވާ ކުރުމުގައި ދިވެހި އަތްތަކެއް ފެނިގެން ދިއުމަކީ، ޞިއްޙީ ދާއިރާއަށް ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމެވެ. ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީވެސް ދިވެހި ޑޮކްޓަރުން ކޮށްދެއްވާ ޤައުމީ ޚިދުމަތުގެ އަގުވަޒަން ކުރުމެވެ.