ޚަބަރު

އަރާމުކުރަން ވަގުތު ނުލިބޭތީ ފްލިކް ހިތްހަމަނުޖެހިއްޖެ


ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވާތީ ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ސްޕެނިޝް ލަލީގާގައި ސެލްޓަވީގޯ އާއި ދެކޮޅަށް މިއަދު ބާސެލޯނާގެ ގަޑިން ހަވީރު 4 ޖަހާއިރު ކުޅޭ މެޗު ފަށާ ގަޑި އަވަސްކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

މިދިޔަ ހަފްތާގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އަތުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ބާސެލޯނާ އިން ހޯދާފައިވަނީ މިމަހުގެ ފަހުކޮޅު ކޮޕާ ޑެލްރޭގެ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ނިކުންނާނެ އެވެ.

"ޔޫރަޕްގެ ކޮންމެ ލީގެއް ނަމަވެސް އެ ލީގަކުން ކްލަބްތަކަށް ފަސޭހަ ލުއި ގޮތްތަކެއް ހަދައިދޭނެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެ ޓީމެއް ވާދަކުރާ ނަމަ. އަހަރުމެންގެ ކުޅުންތެރިންނަށް އަރާމު ކުރާނެ އެކަށީގެންވާ ވަގުތު ނުލިބި މި ޖެހެނީ މެޗުތައް ކުޅެން. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން." ހެންސީ ފްލިކް ބުންޏެވެ.

ފްލިކް އިތުރަށް ބުނެފައިވަނީ މުބާރާތުގެ ޝެޑިއުލް ތައްޔާރުކުރާ ފަރާތްތަކާއިއެކު އޭނާ މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ. އަދި މި މެޗު އާދީއްތަ ދުވަހު ކުޅެން އޮތް ނަމަވެސް އެކަމާ އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި މިއީ އޭނާ ދައްކާ ހުއްޖަތެއް ނޫން ކަމަށެވެ.

"ބުންޑެސްލީގާ ނުވަތަ ޕްރިމިއާ ލީގުން މި ގޮތަށް އަމަލެއް ނުކުރާނެ. މި މީހުންނަށް އިހުސާސް ނުކުރެވޭ މި ކުރެވެނީ ކިހާވަރެއްގެ ކަމެއް ކަމަށް." ފްލިކް އިތުރަށް ބުންޏެވެ.

ލަލީގާގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑަކާއިއެކު އޮތް ބާސެލޯނާ އިން ލީގު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާއިރު ކުރިއަށް އޮތް ހަތް މެޗަކީ އެ ޓީމަށް ވަރަށް މުހިންމު މެޗުތަކެކެވެ. މި މެޗުގައި ބާސެލޯނާ އާއި ދެކޮޅަށް ނިކުންނަ ސެލްޓަވީގޯ އަށް 43 ޕޮއިންޓާއެކު ހަތްވަނަ މަގާމު ލިބިފައިވާއިރު އެ ޓީމުން މަސައްކަތް ކުރަމުންދަނީ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަކުގެ ޖާގައެއް ކަށަވަރު ކުރުމަށެވެ.