ޚަބަރު

އާބާދީ އެއްފަސްކުރި ރަށްތަކުގެ ތެރެއިން ހުޅުދުއްފާރަކީ ނަމޫނާ ރަށެއް: ވަޒީރު އާދަމް ޝަރީފު


  • ހުޅުދުއްފާރުގައި މީހުން އާބާދުވީ 1995ވަނަ އަހަރުގައި

  • ރައްޔިތުންގެ ކިބައިން ތަރައްޤީއަށް މަސައްކަތްކުރުމުގެ ޚާއްޞަ ސިފަތަކެއްގެ ފާހަގަކުރެވޭ

އާބާދީއާ ތަރައްޤީ އެއްފަސްކުރި ރަށްތަކުގެ ތެރެއިން ރ. ހުޅުދުއްފާރަކީ ނަމޫނާ ރަށެއްކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުމުމާއި ގުޅިގެން ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި އެ ރަށުގެ ރައްޔިތުންނަށް ތަހުނިޔާއާއި އަރިސްކޮށްފައެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ހުޅުދުއްފާރަކީ ގިނަ ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަންތައްތައް، އެންމެ ފަސޭހައިން އަތޮޅުގައި އިންތިޒާމުކުރެވޭ އަދި އެންމެ ރަނގަޅަށް އެ ފަދަ ކަންކަމަށް މަރުޙަބާކިޔާ ރަށްކަމަށެވެ.

ވަޒީރު ވިދާޅުވީ އެކަން އެގޮތަށް ހިނގަމުން އަންނަނީ އެ ރަށަށް ހިޖުކުރަކޮށްފައިވާ ރަށްތަކުގެ ރައްޔިތުންގެ ކިބައިން ފާހަގަކުރެވިފައިވާ ޚާއްޞަ ސިފަތަކެއްގެ ސަބަބުން ކަމަށެވެ. ހުޅުދުއްފާރަކީ، ރައްޔިތުންގެ މެދުގައި ވަރަށް ބަދަހި ގުޅުމެއް އޮތް ރަށެއް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޢިލްމީ ގޮތުންނާއި، މަސައްކަތްތެރިކަމުގެ ގޮތުން ޤާބިލް ޒުވާނުންތަކެއް ހުޅުދުއްފާރުގައި މިއަދު އުފެދިފައިވާ ކަމަށެވެ.

ހުޅުދުއްފާރަކީ ސަރުކާރުގެ އާބާދީއާ ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ތަރައްޤީކުރި އަދި މިހާރުވެސް ތަރައްޤީގެ މަޝްރޫޢޫތައް ކުރިއަށްދާ ރަށެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ގާތައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މި އަހަރުގެ ޖަނަވަރީ މަހުގެ 22ވަނަ ދުވަހު ހުޅުދުއްފާރަށް ވަޑައިގެން އެރަށުގެ ތަރައްޤީއަށް ކުރެވެން ހުރި މަސައްކަތައް ކޮށްދެއްވާނެކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ރަށުގެ ބަނދަރުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ސުކޫލްއަށް ބޭނުންވާ ޖާގަ ހިމެނުންފަދަ މުހިންނު މަސައްކަތްތައް ހިމެނެވެ.

ރ. އަތޮޅުގައި މިހާރު މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ގިނަ ކުރިއެރުންތަކެއް ހުޅުދުއްފާރުން ހޯދާފައިވާއިރު، މީގެ 30 އަހަރު ކުރިން އެރަށަކީ ފަޅުރަށެކެވެ. 1993ވަނަ އަހަރުން ފެށިގެން ހުޅުދުއްފާރުގައި އުނގުލާއި ގާއުނޑޫދޫގެ މީހުން ދިރިއުޅެންފެށި ކަމުގައިވީނަމަވެސް މިރަށަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ރަސްމީކޮށް އިޢުލާން ކުރެއްވީ 1995ވަނަ އަހަރުގެ މާރޗް މަހު 13 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއިސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ.