ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅަށް އައިޔޫއެމްގެ ވައިސް ޗާންސެލަރގެ ތަޢުރީފް!


  • އިސްލާމީ ޔުނިވަރސިޓީގެ ތަރައްގީއަށް ވަރަށް ބޮޑު އިސްކަމެއް ސަރުކާރުން ދެއްވާކަން ފާހަގަކުރެއްވި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާގެ ޑރ މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ވަރަށް ގިނަ މަސައްކަތްތަކެެއް ކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.

އައިޔޫއެމްގެ ވައިސް ޗާންސެލަރ މިހެން ވިދާޅުވީ ޢިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޢިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ ޢަލީ ޒާހިރު ވިދާޅުވީ ޢިސްލާމިކް ޔުނިވަރސިޓީއަށް މިއަދު އެތައް ކުރިއެރުންތަކެއް ލިބި، ރައްޔިތުންނާއި މުއައްސަސާތަކުގެ އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. އަދި ޔުނިވަސިޓީއާ ގުޅޭ ދަރިވަރުންގެ އަދަދު 80 އިންސައްތަ އިތުރުވުމަކީ އެކަމުގެ ހެއްކެއް ކަމަށްވެސް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

ވައިސް ޗާންސެލަރ ވިދާޅުވީ އަދުގެ ސަރުކާރުން ޔުނިވަސިޓީ ތަރައްގީއަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ޔުނިވަސިޓީގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ބޭނުންވާ ވަސީލަތްތައް ހޯދައިދެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއި އިރުޝާދު ލިބެމުންދާކަން ވައިސް ޗާންސެލަރ ފާހަގަކުރެއްވިއެވެ.

ވައިސް ޗާންސެލަރގެ ވާހަކަފުޅުގައި އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްވެސް ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިނަލްއަގުވާމީ މައިދާނުގައިވއަނިޔާވެރި ޔަހޫދީންނާއި ދެކޮޅަށް ފާޅުކުރައްވާފައިވާ ހިތްވަރުގަދަ ޝުޢޫރުތަކާޢި އަޅުއްވާފައިވާ ހިތްވަރު ގަދަ ފިޔަވަޅުތަކަށް ޝުކުރު ދަންނަވަން" އައިޔޫއެމްގެ ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ދަރިވަރުންނާ މުޚާޠަބުކުރައްވާ ވާހަކަދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ ޢަލީ ޒާހިރު ވިދާޅުވީ، ޢިލްމު އުނގެނުމަކީ ބުރަކަމެއްކަމަށެވެ. އެތައް ފައިސާއަކާއި ހަކަތައެއް ހޭދަކުރަންޖެހޭކަމެއްކަމަށް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން އެކި ސެޝަންތަކަށް ބަހާލައިގެން މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. މިގޮތުން 980 ދަރިވަރުން މިއަހަރު އެޔުނިވަރސިޓީންވަނީ ދަސްވެނިވެފައެވެ. މީގެތެރޭގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެން ޕީއެޗްޑީއާއި ހަމައަށް ތަފާތު 101 ކޯސް ފަރުމާކޮށް އެޔުނިވަރސިޓީންގެންދަވަނީ ހިންގަވަމުންނެވެ.