ކުޅިވަރު

އެފްއޭއެމްއިން މިއަހަރަށް 40.2 މިލިއަން ރުފިޔާގެ ބަޖެޓެއް


އެފްއޭއެމް އިން މިއަހަރަށް40.2  މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ. މިއަދު ބޭއްވި އެކްސްޓްރާ އޯޑިނަރޯ ކޮންގްރެސްގައި ފާސްކުރި މި ބަޖެޓާއެކު އެފްއޭއެމްއަށް ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 40.4  މިލިއަން ރުފިޔާއެވެ. 

އެފްއޭއެމްއަށް ފައިސާ ލިބޭނީ ސަރުކާރާ ފީފާ އަފި އޭއެފްސީގެ އިތުރުންނާއި، ކުލީގެ ގޮތުގައި ލިބޭ ފައިސާ އަދި ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ މިއަހަރު މިފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން ބޮޑުކަމަށެވެ. 

ބަޖެޓުން ޚަރަދުކުރާ ފައިސާއަށް ބަލާއިރު 16 މިލިއަން ޚަރުދުކުރަން ނިންމާފައިވަނި އެފްއޭއެމްއިން ރާވާ ހިންގާ މުބާރާތްތަކަށެވެ. އޭގެތެރޭގައި ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ސަބްސިޑީ ގޮތުގައި ދެވޭ 8 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ސްޓްރެޓެޖިކް ޕްލޭނާ މާކެޓިންގ އަށް ބަޖެޓްގައިވަނީ 3.2  މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. މީގެ ތެރެއިން 2 މިލިއަން ޚަރަދު ކުރާނީ ސްޓްރެޓެޖިކް ޕެލޭން ހެދުމަށް ކަމަށްވެސް ބައްސާމް ވިދާޅިވިއެވެ. ބައްސާމް ވިދާޅުވީ އެފްއެއެމްގެ ސްޓްރެޓެޖިކް ޕްލޭން ހެދުމަށް އަންނަ މަހު ބޭރުގެ ފުންނާބު އުސް ޓީމެއް ރާއްޖެއައިސް މަސައްކަތް ފަށާނެ ކަމަށާއި، މާކެޓް ކުރުން ކުރިއަށްގެންދާނީ އެފްއޭއެމްގެ ތެރޭގައި އެކަމަށް ވަކި ޓީމެއް ނަގައިގެން ކަމަށެވެ.

 މީގެ އިތުރުން މިއަހަރު އަންހެން ފުޓްބޯޅަ ކުރިއެރުވުމަށާއި ހިންގުމަށްވެސް ބޮޑު ޚަރެދެއް ކުރެވޭނެ ކަން ބައްސާމް ފާހަގަކުރެއްވިއެވެ.  މިއަހަރުގެ ކަލަންޑަރުގައި ވަނީ އަންހެނުންގެ ފުޓްބޯޅަ ލީގަކާއި އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ހިމެނިފައެވެ. މިއީ އެފްއޭއެމްގެ އައު އެގްޒެކްޓިވް ކޮމިޓީއިން ފާސްކުރި ފުރަތަމަ ބަޖެޓެވެ.