އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި ޖެހި ދެ ލަނޑާއެކު، 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.
އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު މެންޗެސްޓަރ ސިޓީ އަށް ވަނީ ލީގުގައި މިޙާތަނަށް ކުޅުނު 33 މެޗުން 58 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމު ލިބިފަ އެވެ. އެވަޓަން އަށް ލިބިފައިވާ 38 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.
މި ނަތީޖާ އާއިއެކު އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމުގެ ފުރުސަތު ސިޓީއަށް ވަނީ ބޮޑުވެފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ސިޓީން ވަނީ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ގިނަ ހަމަލަތަކެއް އުފައްދާފަ އެވެ.
އެގޮތުން މެންޗެސްޓަރ ސިޓީގެ ކެވިން ޑެބްރޫނިއާ ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ޖޭކް އޮބްރިއޭން ވަނީ ދިފާއުކޮށްފަ އެވެ.
އޭގެ ކުރިން އެވަޓަންއަށް ލިބުނު ކޯނަރެއް ޖޭމްސް ގާރނާ ނަގައިދިންއިރު ޖޭމްސް ޓާރކޯސްކީ ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިގައި ޖެހިފައިވަނީ ބޭރުވެފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް މެންޗެސްޓަރ ސިޓީއަށް ކާމިޔާބުކޮށްދީފައިވަނީ ނިކޯ އޮރެއިލީ އެވެ.
އަދި އިތުރު ވަގުތުގެ ކުޅުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި މަޓިއޯ ކޮވަސީޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.