ޖަރުމަން ލީގުގައި ރޭ ހެއިޑެންހެއިމްއާ ދެކޮޅަށް ކުޅުނު މެޗުން 4-0 ގެ ނަތީޖާއަކުން މޮޅުވެ، ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ބަޔާން މިއުނިކުން ހޯދައިފިއެވެ.
މި މެޗުން މޮޅުވުމާއެކު ބަޔާން މިއުނިކަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުން 72 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ބެޔާ ލެވަކޫސަން އެއް މެޗު މަދުން ކުޅެގެން އެ ޓީމަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. މި މެޗުން ބަލިވި ހެއިޑެންހޭމް އަށް 30 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު އެ ޓީމު އޮތީ 16 ވަނައިގަ އެވެ.
ހެއިޑެންހޭމްގެ ދަނޑުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި ބަޔާން މިއުނިކްގެ ހެރީ ކޭންވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ އޭނާ މި ސީޒަނުގައި ބުންޑެސްލީގާގައި ޖެހި 24 ވަނަ ގޯލެވެ. އަދި މުޅި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ޖެހި 35 ވަނަ ގޯލެވެ.
އަދި އޭގެ 7 މިނިޓު ފަހުން ކޮންރެޑް ލައިމަރ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 36 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކިންގްސްލޭ ކޯމަން އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ރަފައެލް ގެރޭރޯ ދިން ޕާހަކުން ޖޯޝުއާ ކިމިޗް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތިޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.