ކުޅިވަރު

މެސީގެ އިންޓަރ މަޔާމީ، ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު


އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ސީޒަން ފެށިގެން 8 މެޗު ކުޅުނުއިރު، މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ޓީމުގެ ޝަރަފު މެސީގެ އިންޓަރ މަޔާމީން ހޯދައިފިއެވެ.

ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމުގެ މަގާމު އިންޓަރ މަޔާމޫ ހޯދީ ދެން ލީގުގައި ބަލިނުވެއޮތް ޓީމު ކަމުގައިވަ ކޮލަމްބަސް ކްރޫގެ މައްޗަށް ރޭގެ މެޗުގައި ކުރި ހޯދައިގެންނެވެ.

ކޮލަމްބަސް ކްރޫގެ ރަސްމީ ދަނޑުގެ ބަދަލުގައި ބޮޑު ދަނޑަކަށް މިމެޗު ބަދަލުކޮށް 60 ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުން އިންޓަރ މަޔާމީ ކުރި ހޯދީ އެކެއް ސުމަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު މަޔާމީއަށް ކާމިޔާބުކޮށްދިނީ ބެންޖަމިން ކްރެމަޝީއެވެ.

ކޮލަމްބަސް ކްރޫގެ ހޯމް މެޗު އެޓީމުގެ ރަސްމީ ދަނޑުގެ ބަދަލުގައި އެންއެފްއެލްގެ ކްލީވްލެންޑް ބްރައުންސްގެ ދަނޑަށް ބަދަލުކުރީ މެސީ ކުޅޭތަންބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވައްނާނެތީއެވެ.

އިންޓަރ މަޔާމީ މިވަގުތު އޮތީ ކުޅުނު 8 މެޗުން 18 ޕޮއިންޓާއެކު އެމްއެލްއެސްގެ އީސްޓަން ކޮންފަރެންސްގެ 3 ވަނާގައެވެ. އިންޓަރ މަޔާމީ ވަނީ ކުޅުނު 8 މެޗުގެ ތެރެއިން 5 މެޗު ކާމިޔާބުކޮށް 3 މެޗުން އެއްވަރު ވެފައެވެ.

އީސްޓަން ކޮންފަރެންސްގެ އެއްވަނާގައި އޮތް ޝާލެޓް އެފްސީ އާއި ސިންސިނާޓިއަށްވެސް ލިބިފައިވަނީ 19 ޕޮއިންޓެވެ. އަދި މެސީ އަތުން ބަލިވި ކޮލަމްބަސް ކްރޫވެސް އޮތީ 18 ޕޮއިންޓާއެކު މިއާމީގެ ފަހަތުން ލީގު ތާވަލްގެ 4 ވަނާގައެވެ.