ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗަކު ހޯދަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާންކޮށްފިއެވެ. މި މަގާމު އިއުލާންކުރީ އެ މަގާމުގައި ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން ހުއްޓައެވެ.
އެފްއޭއެމްއިން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކުރިއަށް އޮތް ތިން މަސް ދުވަހަށް ގައުމީ ކޯޗުގެ މަގާމަށް މީހަކު ހޯދަނީ ކަމަށެވެ.
ކޯޗުގެ އިތުރުން އެސިސްޓެންޓް ދެ ކޯޗުންނާއި ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރާއި ޓީމުގެ ޑޮކްޓަރު އަދި ފިޒިކަލް ޓްރޭނަރު ވެސް ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ. ގައުމީ ޓީމުގެ މަގާމުތަކުގެ ތެރެއިން އިއުލާނު ނުކުރަނީ މެނޭޖަރުގެ މަގާމެވެ. އެ މަގާމުގައި މިހާރު ހުރީ އެފްއޭއެމްގައި ވަޒީފާ އަދާކުރާ އަބްދުﷲ ޝިބާ އެވެ.
ކޯޗުގެ ޝަރުތުތަކުގެ ތެރޭގައި އޭއެފްސީ ޕްރޯ ލައިސަންސް އޮތުމާއި ކުލަބުތަކާއި ގައުމީ ޓީމުގައި މީގެ ކުރިން ނެރެފައިވާ ޕާފޯމަންސަށް ބަލާނެ ކަމުގައި ވެސް ވަނީ ބުނެފަ އެވެ. އަދި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި މެޗުގެ ޕްލޭން އެކުލަވާލުމާއި އިދިކޮޅު ޓީމު ދެނެގަތުމުގެ ގާބިލްކަމާއި އެމީހެއްގެ ރެޕިއުޓޭޝަން ހުރި މިނަވަރު ފަދަ ކަންކަމަށް ބަލާނެ ކަމުގައި ވެސް އެފްއޭއެމުގެ އިއުލާނުގައިވެ އެވެ.
ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި މިހާތަނަށް ހުރީ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިނެވެ. އެފްއޭއެމްއިން އެންމެ ފަހުން ބުނެފައިވަނީ އޭނާގެ އެއްބަސްވުން ހަމަވެފައިވާ ކަމަށެވެ. 2019 ވަނަ އަހަރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމާ ހަވާލުވެ ފަހުން 2021 ވަނަ އަހަރުގެ ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް އޭނާ ވަނީ ހެޑްކޯޗުގެ މަގާމާ ވެސް ހަވާލުވެފަ އެވެ.
ސުޒެއިނުގެ ކޯޗުކަމުގައި ގައުމީ ޓީމު އެންމެ ފަހުން ކުޅުނީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށާއި އޭގެ ކުރިން އިންޑިޔާއާ ދެކޮޅަށެވެ. މި ދެ މެޗުން ރައްޖެ ވަނީ ތަފާތު ބޮޑުކޮށް ބަލިވެފަ އެވެ.
އޭނާގެ އެހީތެރިންނަށް މިހާތަނަށް ތިބީ އެފްއޭއެމުގެ ވަޒީފާފައި ހުރި އަހުމަދު ޝާކިރު (ޝާކިއްޓޭ) އާއި މުހައްމަދު އާދަމް އާއި މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) އެެވެ. ގޯލްކީޕަރު ޓްރޭނަރަކީ ހަސަން ހަމީދު (ޑަކޭ) އެވެ. ފިޒިކަލް ޓްރޭނަރަކީ މުއީނާ މުހައްމަދެވެ.