ކުޅިވަރު

ސީޒަން ފަސްކުރީ ކުލަބުތަކުން، ޒިންމާ ނަގަންޖެހޭނީ ކުލަބުތަކުން: ވަޒީރު


ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަސްކުރީ މެޖޯރިޓީ ކުލަބުތަކުން ފީފާގައި އެކަމަށް އެދުމުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ކުޅިވަރާ ބެހޭ ވުޒާރާއަކީ މުބާރާތްތައް ރާވާ ހިންގާ ތަނެއް ނޫން ކަމަށާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގުމުގެ ތެރެއަށް ވުޒާރާއިން ނުވަންނާނެ ކަމަށެވެ.

އެފްއޭއެމް ދެވަނަ ފަހަރަށް ނޯމަލައިޒް ކުރިކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ މިއީ އެސޯސިއޭޝަނަކަށް އަންނާނެ އެންމެ ހިތްދަތި އެއްހާލަތު ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުން ނުވަތަ ސަސްޕެންޝަނަކަށް ދިޔުންވެސް އޮތީ ކުލަބުތަކުގެ އަތްމަތީގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޒިންމާ ނެގުން އޮތީ ފުޓްބޯޅައިގެ މެންބަރު ކުލަބުތަކުގެ އަތްމަތީގައި ކަމަށާއި، އަދި މުސްތަގަބަލުވެސް ބިނާވެފައި އޮތީ މެންބަރު ކުލަބުތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެންމެ ބޮޑަށް މިވަގުތު ހާލަތު ބަދަލުކުރެވެން އޮތީ މެންބަރު ކުލަބުތަކަށް ކަމަށާއި، ފުޓްބޯޅަ ކޮޅަށްޖެހުމަކީ ކުލަބުތަކުގެ ޒިންމާއެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"އެހެންވީމަ، މެޖޯރިޓީ ކުލަބުތަކުން އެއްބަސްކިޔާފައި އެންމެން އެއްބަސްވާ ގޮތަކަށް އަޅުގަނޑުމެންނަށް ގެންދެވެން މިއޮތީ، ފުޓްބޯޅަ ކޮޅަށްޖަހަން މެންބަރު ކުލަބުތަކުން ބޭނުންވެއްޖެއްޔާ ވަރަށް ފަސޭހަ ކަމަކަށް ވާނީ." ރާފިޢު ވިދާޅުވިއެވެ.

ފީފާ އާއި އޭފްސީގެ ތާއިދާއެކު ބޭއްވުނު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް އެއްބާރުލުން ނުދިން ކުލަބުތަކެއް ވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެއީ އެއްގޮތަކަށްވެސް އެފްއޭއެމްގެ އިންތިޚާބާ ގުޅޭ ހަރަކާތެއް ނޫން ކަމަށެވެ. އެފްއޭއެމްގެ އިންތިޚާބާ ގުޅޭ މަސައްކަތް ކުރިއަށްދަނީ ތަފާތު ތިން މަރުހަލާއަކަށް ކަމަށާއި، ކުރިއަށް ދެން އޮންނާނީ އެފްއޭއެމް އަސާސީ ގަވާއިދު އިސްލާހުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

"ވޯޓުލުމާ ހަމައަށް ދާން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށް މިދަނީ، މިއީ ފުޓްބޯޅައަށް ކުރެވޭ މަސައްކަތްތައް، ފުޓްބޯޅަ ސްޓްރަކްޗާ ތައްޔާރު ކުރާނެ ގޮތާއި ކުރިއަށްދާނެ ގޮތުގެ އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮއްދެވޭނީ ކުލަބުތަކަށް." ވަޒީރު ވިދާޅުވިއެވެ.

ވުޒާރާގެ މައިގަނޑު މަސައްކަތަކީ ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ކަމަށާއި، އެގޮތުން އެކި ޓީމުތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހުސްވި އަހަރު ތިން މިލިއަން ރުފިޔާ ޚަރަދުވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެމަނިކުފާން ވުޒާރާއާ ހަވާލުވިއިރު ފުޓްބޯޅަ އޮތީ އައިސީޔޫގައި ކަމަށާއި، އެހެން ނަމަވެސް ފުޓްބޯޅަ މިހާރު އޮތީ އެއަށްވުރެ ރަނގަޅު ހާލަތެއްގައި ކަމަށް ވަނީ ވިދާޅުވެފައެވެ. މިހާލަތުގައި ފުޓްބޯޅަ ރަނގަޅުކުރަން ކުރި މަސައްކަތުން ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ވިސްނުމަށް އައި ބަދަލު ކަމަށެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމައްޓަކައި ވުޒާރާއިން ވަރަށް ބޮޑު ހޭދައެއް ކުރެއްވިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ޓީމުތަކަށް އެހާ ބޮޑު އެހީއެއް ވާން މިޖެހުނީވެސް މިކަމުގެ މުހިންމު ކަމުން ބޮޑުވެގެން. އެހެން ނަމަވެސް އަޅުގަނޑުމެންގެ މިދިޔަ އަހަރު އެކޮނިމިކް ސިޗުއޭޝަން އޮތް ހާލަތުން ބަލާއިރު ވަރަށް ބޮޑު ހޭދައެއް މި ކުރީ. ދެން ޓީމުތަކުން ވަރަށް ބޮޑަށް ސިގްނަލް ދެމުންއައި ސީޒަން ފެށޭނެ ކަމަށް." ރާފިޢު ވިދާޅުވިއެވެ.

ޓީމުތަކުގެ މާލީ ހާލަތު ރަނގަޅު ކުރަމައްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ އެއް ކުލަބު ފިޔަވާ ހުރިހާ ކުލަބަކަށް މާލީ އެހީތެރިކަން ފޯރުކޮއްދެވުނު ކަމަށް ވަޒީރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.