ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން، އެމްޑީޕީ އާއި އެޕާޓީގެ އެކްޓިވިސްޓަކާ ދެކޮޅަށް ސިވިލް ކޯޓާއި ފެމިލީ ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަތަކަކީ، ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ކުޑަކުދިންގެ ކަރާމާތައް އެރުން ހުއްޓުވުމަށް ހުށަހަޅުއްވާފައިވާ މައްސަލަތަކެއްކަމަށް އެކަމަނާގެ ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ކޯޓަށް މައްސަލަތަކެއް ހުށަހަޅުއްވާފައިވަނީ އެކަމަނާގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަނެ، ދޮގު ވާހަކަތަކެއް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއްކަމަށްވާ މަރިޔަމް ޒުބައިރު، މަންދީ ފެތުރުމާއި ގުޅިގެންނެވެ. މަރިޔަމް ޒުބައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ދަރިކަލުންގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި، އެކުއްޖާގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކުރުވިކަމަށް އެމަނިކުފާނުގެ އާއިލާ ތަމްސީލު ކުރައްވާ ވަކީލުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވަނީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްޤު ނިގުޅައިގެންފައިވާ މައްސަލައެކެވެ. އަދި ފެމިލީ ކޯޓަށް ހުށަހަޅުއްވާފައިވަނީ ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކަމުގެ ޤާނޫނު އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ މައްސަލައެކެވެ. މި މައްސަލަތަކުގައި ދައުވާކޮށްފައިވަނީ މަރިޔަމް ޒުބައިރާއި، އެމްޑީޕީ އަދި އެ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛު ފައްޔާޒު އިސްމާޢީލްގެ މައްޗަށެވެ.
މި މައްސަލައާ ގުޅިގެން ފަތުރަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ތަމްސީލުކުރައްވާ ވަކީލުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ރައީސްގެ އަނބިކަނބަލުން ހުށަހަޅުއްވާފައިވާ މައްސަލަތަކާ ގުޅިގެން މަރިޔަމް ޒުބައިރުގެ މައްޗަށް ފުލުހުންގެ ތަހުގީގެއް ހިންގަމުންދާކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެކަމަނާގެ ފަރާތުން މައްސަލަ ހުށަހަޅުއްވާފައިވަނީ ސިވިލް މައްސަލަތަކެއްގެ ގޮތުގައި ސިވިލް ކޯޓާއި ފެމިލީ ކޯޓަށް އެކަނި ކަމަށާއި ކްރިމިނަލް ކޯޓާއި ފުލުހުންގެ ތަހުގީގުތަކާ އެކަމަނާ ހުށަހަޅުއްވާފައިވާ އެއްވެސް މައްސަލައަކާ ގުޅުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
މިއީ ރައީސްގެ އަނބިކަނބަލުން އެ މައްސަލަ ހުށަހެޅުއްވި މަގުސަދު އޮޅުވާލުމުގެ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށާއި އެކަމަނާ މައްސަލަ ހުށަހެޅުއްވީ ކުޑަކުދިންގެ ކަރާމާތާއި ޙައްގުތަކަށް ސިޔާސީ ބޭނުމުގައި އަރައިގަތުން ހުއްޓުވުމުގެ މަގުސަދުގައި ކަމަށް ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވިއެވެ.
މިފަދަ ޚަބަރުތައް ފެތުރުމުގެ ކުރިން ތެދު މައުލޫމާތު ހޯދުމަށްވެސް ރައީސްގެ އާއިލާ ތަމްސީލް ކުރައްވާ ޤާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.