ކުޅިވަރު

ސަކާގެ އަނިޔާ ސީރިއަސްއެއް ނޫން: އާޓެޓާ


އިނގިރޭސި ޕްރިމިއަރ ލީގުގައި އިޕްސްވިޗް ޓައުން އަތުން 4-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗުގައި ބުކަޔޯ ސަކާއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް އެ ޓީމުން ބުނެފިއެވެ.

ކޯޗު މިކޭލް އާޓެޓާ ބުނީ މެޗުގެ 32 ވަނަ މިނިޓްގައި އިޕްސްވިޗް ޓައުންގެ ލީފް ޑޭވިސް، ސަކާގެ ފަހަތުން އޭނާގެ ކުޑަހުޅު ފިއްތާލި ނަމަވެސް، ސަކާގެ ކުޑަހުޅުގެ ހާލަތު ރަނގަޅު ކަމަށެވެ. މި އަނިޔާގެ ސަބަބުން އޭނާ ވަނީ ވަގުތުން ދަނޑުން ބާލައިފައެވެ.

ނަމަވެސް ކޯޗު ބުނީ ވަގުތުން ކުޅުންތެރިޔާ ބާލައި، ފަރުވާ ފެށީ މި މަހުގެ ފަހު ކޮޅު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އާސެނަލް ކުޅެންޖެހޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

އާސެނަލްއަށް މި ސީޒަނުގައި ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. އޭގެ ތެރޭގައި މާޓިނެއްލީ އާއި، ކެޕްޓަން މާޓިން އޮޑެގާޑާއި، ކައި ހަވާޓްޒް އަދި ގަބްރިއަލް ޖެސޫސް ހިމެނެއެވެ.

އިޕްސްވިޗް މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ ޕްރިމިއާ ލީގު އާސެނަލްއަށް ކާމިޔާބު ނުވާނެކަން މިހާރު އެނގޭ ކަމަށެވެ. އެހެންވެ އޭނާގެ ޓީމުގެ މައިގަނޑު އަމާޒަކީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ތައްޔާރުވުން ކަމަށެވެ. އަދި އެކަމަށްޓަކައި އަމިއްލަ ލީގުގައި ކުޅޭ މެޗުތަކުގައި އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓުން މުހިންމު ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މިހާތަނަށް އޭނާ ބޭނުންވާ ސީރިއަސްކަން ކުޅުންތެރިންގެ ފަރާތުން ފެންނަމުންދާތީވެ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށްވެސް އާޓެޓާ ބުންޏެވެ.

މި ސީޒަނުގައި އާސެނަލްއަށް މިހާރު ތައްޓެއްގެ އުއްމީދު އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. މުބާރާތުގެ ސެމީ ފައިނަލުގައި އާސެނަލް ވާދަކުރަން ޖެހޭނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ އެވެ. އެ ކުލަބު މި ވަގުތު އޮތީ ވަރަށް ފޯމުގައެވެ.