ތިލަފުށީގައި ތަރައްޤީކުރާ ކެމިކަލް ގުދަންތަކުގެ ޢަމަލީ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. ގިނަ ޚިދުމަތްތަކަކާއެކު ތަރައްޤީކުރާ 18 ޔުނިޓު ނުވަތަ ގުދަނުގެ ހުރިހާ މަސައްކަތް ނިމުމަކާހަމައަށް އައިސްފައިވާކަމަށް އެކުންފުނިން ވިދަޅުވިއެވެ.
ތިލަފުށީގައި ކެމިކަލް ގުދަނެއް ތަރައްޤީކޮށް މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ، 2019 ވަނަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ޙާދިސާއަށްފަހުގައެވެ. މިގޮތުން ފުރަތަމަ ބުރުގައި ތަރައްޤީކުރި 34 ކެމިކަލް ގުދަން މިހާރު ބޭނުންކުރަމުން އަންނައިރު، އިތުރު 18 ގުދަނެއް ތަރައްޤީކުރުމުގެ މަސައްކަތް އެޗްޑީސީންދަނީ ކުރަމުންނެވެ. އެކުންފުނިން ވިދާޅުވީ އެ ގުންދަންތަކުންގެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާކަމަށެވެ.
އެޗްޑީސީން ވިދާޅުވީ އަލަށް ތަރައްޤީކުރާ 18 ގުދަނުގެ ތެރެއިން ކޮންމެ ގުދަނެއްގައިވެސް 1000 އަކަފޫޓު ހުންނާނެކަމަށެވެ، އަދި މިގުދަންތައް ތަރައްޤީކުރަނީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭގޮތަށް ޒަމާނީ ވަޞީލަތްތަކާއެކުގައިކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ. މިގުދަންތައް ތަރައްޤީކޮށްފައިވަނީ 90 މިނެޓުވަންދެން އަލިފާން ނުހިފާ ހުންނަ ފަދަ ޕާޓިޝަން އަދި ސްޓްރަކްޗަރ ނުވަތަ ފަޔަރ-ރޭޓެޑް ސްޓްރަކްޗަރ ބޭނުންކޮށްގެންނެވެ. ދި އަލިފާން ނިއްވާ ނިޒާމުތަކާއި، ސީސީޓީވީ ކެމެރާ ސިއްޓަމްތަކާއި، ސެކިއުރިޓީ ރޫމްގެ އިތުރުން ހޮނުއެޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށް ޚާއްސަ ނިޒާމާއި އެނޫންވެސް މުހިއްމު ޚިދުމަތްތައް މިތަނުގައި ޤާއިމުވެފައި ހުންނާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
Thilafushi Chemical Warehouse is near completion!
— Housing Development Corporation (@hdcmaldives) April 17, 2025
Ready to invest? Stay tuned. #ProjectswithHDC pic.twitter.com/Nt1DLkaKjd
މާލޭގައި ހުރި ކެމިކަލް ގުދަންތައް ހުސްކުރުމަށް ކުރަމުންދާ މަސައްކަތް 2019 ވަނަ އަހަރު ފެށިއިރު އޭރު، މާލޭގައި 120 އަށްވުރެ ގިނަ ކެމިކަލް ގުދަން ހުރިކަން ކަމާބެހޭ ފަރާތްތަކުންވަނީ ހާމަކުރައްވާފައެވެ. މިގޮތުން އެތަންތަނުގެ ރައްކާތެރިކަން ހުރި ނެތްގޮތް ބެލުމަށް އެމްއެންޑީއެފްއިން އެކިފަހަރުމަތިން އިންސްޕެކްޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ. މިހާރު ތަރައްޤީކުރަމުންދާ ގުދަންތަކާއެކު މާލޭގައި ހުރި ކެމިކަލް ގުދަންތަކުގެ ތެރެއިން 54 ކެމިކަލް ގުދަން ތިލަފުއްޓަށް ބަދަލުކުރެވޭނެއެވެ.
ތިލަފުށި މިހާރު ތަރައްޤީކުރަމުންދަނީ ވިޔަފާރީގެ ހަބެއްގެ ގޮތުގައި ޚާއްސަ މާސްޓަރޕްލޭނަކާއެކުގައެވެ. ތިލަފުށި އިތުރަށް ތަރައްޤީކުރުމަށްޓަކައި ތިލަފަޅުންވަނީ 120 ހެކްޓަރުގެ ބިން ހިއްކާފައެވެ.