ޚަބަރު

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު 9264.15ރ އަށް


  • ދިވެހިރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުން

  • މިހާރު ބާޒާރުގައި ރިހީގެ އަގުހުރީ ގްރާމަކަށް 15.57ރުފިޔާ

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު 9264.15 އަށް ބަދަލުވެއްޖެއެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ.

މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 15.57ގެ ރޭޓުން 595 ގްރާމަށްވާ 9264.15 ރުފިޔާއެވެ. މީގެ ކުރިން މިދިޔަ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ނިޞާބު ހުރީ 8،800.05 ރުފިޔާގައެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ.

މިހާރު ބާޒާރުގައި ރިހީގެ އަގުހުރީ ގްރާމަކަށް 15.57ރުފިޔާ އަދި ރަނުގެ އަގުހުރީ ގްރާމަކަށް 1601.52 ރުފިޔާގައެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިއީ އިސްލާމް ދީނުގެ ރުކުނަކަށްވާއިރު އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލުޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.