ދުނިޔެ

ބަޣާވާތްކުރަން އުޅުނު ދެހާހެއްހާ ސިފައިން ތުރުކީން ހައްޔަރުކޮށްފި


ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންގެ ވެރިކަމާދެކޮޅަށް އެޤައުމުގެ ސިފައިންގެ ބަޔަކު ގެންނަން މަސައްކަތްކުރި ބަޣާވާތް ނާކާމިޔާބުވުމާ ގުޅިގެން ސިފައިންގެ ދެހާހެއްހާ މީހުން ހައްޔަރުކޮށްފިއެވެ.

ތުރުކީ ސަރުކާރުން ބުނީ ބަޣާވާތް ނާކާމިޔާބުވުމާ ގުޅިގެން އެކަމުގައި ބައިވެރިވި ސިފައިންގެ ތެރެއިން ދެހާހަށްވުރެ ގިނަމީހުން ވެރިރަށް އަންކަރާއާއި އިސްތަންބޫލް އާއި އެނޫން ބައެއް ރަށްތަކުން ހައްޔަރުކޮށްފައިވާކަމަށެވެ.

ތުރުކީވިލާތުގައި ގެންނަން އުޅުނު އަސްކަރީ ބަޣާވާތް ހުއްޓުވާލާ ސަރުކާރުގެ ބާރުގެ ދަށަށް ޤައުމުގެ ކޮންޓްރޯލް ގެނެސްފައިވާކަމަށް ރައީސް ރަޖަބް ތައްޔިބް އުރްދުޣާން އިޢުލާންކުރެއްވީ ތުރުކީ ވިލާތައް ހުކުރުދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އަސްކަރިއްޔާގެ ގްރޫޕަކުން ރައީސް އުރުދުޣާންގެ ސަރުކާރު ވައްޓާލަން މަސައްކަތް ފެށި ވަގުތު އޭނާ ހުންނެވީ ޗުއްޓީ ހޭދަކޮށްލައްވަން ތުރުކީވިލާތުގެ އެހެން ސަރަޙައްދެއްގައެވެ. އިސްތަންބޫލަށް އެނބުރި ވަޑައިގެން އުރުދުޣާން ވަނީ ޤައުމުގެ ސަލާމަތީ ކަންކަން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާކަން ޢިއުލާން ކުރައްވާފައެވެ.

އަސްކަރީ ގްރޫޕަކުން ގެންނަން އުޅުނު ބަޣާވާތުގައި ޢާންމުންނާއި ބަޣާވާތުގައި ބައިވެރިވި ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ނުވަދިހައަށްވުރެ ގިނަމީހުންވަނީ މަރުވެ، އެގާރަ ސަތޭކައަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މަރުވި މީހުންގެ ތެރެއިން 47 މީހުންނަކީ ޢާންމުންނެވެ.

މި ނާކާމިޔާބު ބަޣާވާތުގައި ބައިވެރިވި ދެހާހެއްހާ ސިފައިން މިހާރު ހައްޔަރުކޮށްފައިވާކަމަށް ތުރުކީ ސަރުކާރުން ބުނެއެވެ. ބަޣާވާތުގައި ބައިވެރިވި ބައެއް އޮފިސަރުން އަވަށްޓެރި ގްރީސްއަށް ފިލައިގެން ގޮސްފައިވާކަމަށްވެސް ތުރުކީ ސިފައިން ބުނެއެވެ. ތުރުކީވިލާތުގެ ޕަބްލިކް ޕްރޮސެކިއުޓަރ ވިދާޅުވީ ބަޣާވާތް ގެނައުމަށް މަސައްކަތްކުރި މީހުންގެ މައްސަލަތައް މިހާރު ތަޙްޤީޤު ކުރަންފަށާފައިވާކަމަށެވެ.

ބަޣާވާތްކުރުމަށް މަސައްކަތްކުރި އަސްކަރީ ގްރޫޕުން އެ މަސައްކަތްފެށީ އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލް، ޖެނެރަލް ޙުލޫސީ އަކާރް ރަހީނުކުރުމަށްފަހުގައެވެ. އެއަށްފަހު އިސްތަންބުލްގެ އެއަރޕޯރޓާ، ބްރިޖްތަކާއި ދައުލަތުގެ މީޑިޔާ އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. އަދި ސަރުކާރު ވައްޓާލާފައިވާކަމަށާއި، ސަރުކާރުގެ އަތްދަށުން ހުރިހާ ބާރުތަކެއް ނިގުޅައިގެންފައިވާކަން ޓީވީ މެދުވެރިކޮށް އިޢުލާނުކުރިއެވެ. އަދި، އެ ޤައުމުގެ ހުރިހާ ކަންކޮޅެއްގައި ކަރފިއު ހިންގާ، އަސްކަރީ ޤާނޫނު އިޢުލާނުކުރިއެވެ. މިއާއެކު ތުރުކީ ވިލާތުގެ ރައީސް އުރްދުޣާންވަނީ ވީޑިއޯ ކޯލް ސަރވިސް އެޕްލިކޭޝަނެއް މެދުވެރިކުރައްވާ ފޯނުގެ ޒަރިއްޔާއިން ޤައުމާ ތަޤުރީރުކުރައްވާފައެވެ. އެތަޤުރީރުގައި އޭނާގެ ސަރުކާރު ވައްޓާލާފައިވާކަން ޤަބޫލްފުޅު ނުކުރައްވާކަމަށާ މިއީ މަދު ބަޔަކު ގުޅިގެން ހިންގަމުންދާ ޢަމަލެއްކަމަށް ވިދާޅުވިއެވެ. އަދި މިބަޣާވާތް ނިމުމަކަށްގެންނަވާނެކަމަށާއި، ބަޣާވާތްކުރުމަށް މަސައްކަތްކުރަމުންދާ ސިފައިންނާ ދެކޮޅަށް އަޑު އުފުލާ، އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ހިމާޔަތްކުރުމަށް އޭނާ ޤައުމުގެ ރައްޔިތުންނަށް ގޮވާލެއްވިއެވެ. އަދި، ޤައުމެއްގައި ޢާންމު ރައްޔިތުންނަކީ އެންމެ ބާރުވެރި ފަރާތްކަމަށް ޤަބޫލްފުޅު ކުރައްވާކަމަށް ވިދާޅުވެ، އޭނާވަނީ މަގުތަކަށް ނިކުމެ، ބަޣާވާތުގައި ބައިވެރިވާ މީހުން ހުއްޓުވަން ޢާންމު ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އުރުދުޣާންގެ ތަޤުރީރަށްފަހު އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ ބަޣާވާތާ ދެކޮޅަށް އަޑުއުފުލަންފެށިއެވެ. މަގުތަކަށް ނުކުތް ޢާންމުންނާއި ބަޣާވާތުގައި ބަރިވެރިވި ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ދެންފެނިގެންދިޔައީ ބަޣާވާތުގައި ބައިވެރިވި ސިފައިން ސަލާމަތީ ބާރުތަކުން ހައްޔަރުކުރަން ފެށި މަންޒަރެވެ.

އެންފަހުން ލިބެމުންދާ ޚަބަރުތައް ބުނާގޮތުގައި ބަޣާވާތްކުރުމަށް މަސައްކަތްކުރި އަސްކަރީ ގްރޫޕުން ރަހީނުކުރި ތުރުކީވިލާތުގެގެ އަސްކަރިއްޔާގެ އިސްވެރިޔާ މިހާރުވަނީ ސަލާމަތްކޮށްފައެވެ. އަދި އެމީހުން ބަންދުކުރި އިސްތަންބޫލްގެ އެއަރޕޯރޓް މިހާރު ހުޅުވާފައިވާކަމަށް ރޮއިޓަރސް އިން ޚަބަރުދެއެވެ.