ޚަބަރު

ޕެލަސް އާއި އާސެނަލް އެއްވަރުގެ ލިވަޕޫލް އަށް ހިތްހަމަ ޖެހުމެއް!


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ލީގު ޗެމްޕިއަންކަން ހޯދަން ލިވަޕޫލް އަށް އެންމެ ޕޮއިންޓެއް ހޯދަން ޖެހިއްޖެ އެވެ.

މި މެޗު އެއްވަރުވުމާއިއެކު އާސެނަލް އަށް 34 މެޗުން ލިބިފައިވާ 67 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 33 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު ލީގުގައި އެ ޓީމަށް ބާކީ އޮތް ފަސް މެޗުން އެންމެ ޕޮއިންޓެއް ހޯދައިގެން ލީގު ޗެމްޕިއަންކަން ލިބިގެންދާނެ އެވެ.

ކްރިސްޓަލް ޕެލަސް އަށް 34 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 12 ވަނައިގަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އަންނަ ހަފުތާގައި އާސެނަލް ކުޅޭ މެޗަށް އެ ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަރާމު ކުރަން ކޯޗު މިކޭލް އާޓެޓާ ދީފައިވާއިރު ކްރިސްޓަލް ޕެލަސް އިން ވަނީ އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ މެޗަށް އެ ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުން މި މެޗުގައި ބޭނުން ނުކޮށްފަ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ތިންވަނަ މިނިޓުގައި ޖަކޫބް ކިވިއޯ ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ލީޑު ނަގައިދީފަ އެވެ. މި ލަނޑަކީ އޮޑެގާޑް ނަގައިދިން ހިލޭ ޖެހުމަކުން ބޮލުން ޖަހާ ކިވިއޯ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ނަމަވެސް މެޗުގެ 27 ވަނަ މިނިޓުގައި ކްރިސްޓަލް ޕެލަސްގެ އެބެރޭޗީ އެޒޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް އާސެނަލްގެ ލިއަންދްރޯ ޓްރޮސާޑް ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އާސެނަލް އަށް ކުރި ހޯދަދީފަ އެވެ.

އާސެނަލް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ ދެވަނަ ހާފުގައިވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ކްރިސްޓަލް ޕެލަސްއިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޝޯން ފިލިޕް މަޓޭޓާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ.

މި މެޗުގެ ސްކޮޑުގައި އާސެނަލްގެ ބެން ވައިޓް އާއި މިކޭލް މެރީނޯ ހިމަނާފައިނުވާތީ އެ ކުޅުންތެރިންނަށް އަނިޔާއެއް ވެފައިވަނީތޯ ނުވަތަ ޕީއެސްޖީ އާއި ދެކޮޅަށް ކުޅޭ މެޗަށް ބެހެއްޓީތޯ ކޯޗު އާޓޭޓާ އާޢިވަނީ ސުވާލުކޮށްފަ އެވެ.