ޚަބަރު

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މިލިޔަނަކަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި


  • މި ތަކެތި ނައްތާލައިފައިވަނީ މިމަހުގެ 24 ގައި ދޫނިދޫގައި

  • ނައްތާލައިފައިވަނީ 1 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓް ސްޓިކް

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މިލިޔަނަކަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، މި ތެކެއްޗަކީ ޤާނޫނާ ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އެ އިދާރާއިން އަތުލައިގަނެފައިވާ ތަކެތިކަމަށެވެ. ނައްތާލި ތަކެތީގެ ތެރޭގައި 1,359,180 (އެއް މިލިއަން ތިން ސަތޭކަ ފަންސާސް ނުވަހާސް އެއް ސަތޭކަ އަށްޑިހަ) ސިނގިރޭޓް ސްޓިކް ހިމެނޭކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މި ތަކެތި ނައްތާލައިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކ. ދޫނިދޫގައެވެ.

މި ތަކެތި ނައްތާލައިފައިވަނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުންކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މިގޮތަށް ޤަވައިދާއި ޚިލާފައި ރާއްޖޭ އެތެރެކުރާ ސިނގިރޭޓް ފަދަ ތަކެތީގެ އިތުރުން، ބަނގުރާ އަދި މަސްތުވާތަކެތި ފަދަ ތަކެތި ކަސްޓަމްސްއިން ދަނީ ނައްތާލަމުންނެވެ.

ސިނގިރޭޓު ބޭނުންކުރާ މިންވަރު ރާއްޖޭގައި މަދުކުރުމަށްޓަކައި ސަރުކާރުން ދަނީ ދުންފަތާއި ގުޅޭ ޤަވާއިދުތައް ހަރުދަނާކުރަމުންނެވެ. އެގޮތުން ދުންފަތުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި ބާވަތްތަކުގެ ބޭރުގައި މަންޒަރު ހިމެނޭ ސިއްޙީ އިންޒާރު ޖެހުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ސިނގިރެޓް ވަކިން ވިއްކުންވެސް ރާއްޖޭގައި ވަނީ މަނާކޮށްފައެވެ.