މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަޠީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާހު ބިން މުޙައްމަދު އަލް ބުދައިރަކީ މިވަގުތު ދުނިޔޭގައި ތިއްބެވި އިސްލާމީ ޢިލްމުވެރިންގެ ތެރެއިން އެންމެ ވަރުގަދަ އެއް ދީނީ ޝަޚްސިއްޔަތެވެ.
މަސްޖިދުލް ނަބަވީގެ އިމާމްކަން ކުރެއްވުމުގެ އިތުރުން އެމަނިކުފާނު ގެންދަވަނީ މަދީނާގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވަމުންނެވެ. އެމަނިކުފާނު ވަނީ މައްކާގައި ހުންނަ މާތްވެގެންވާ ޙަރަމްފުޅުގައި 2005ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ތަރާވީޙު ނަމާދު އިމާމްވެ ކުރައްވާފައެވެ.
ހަމައެއާއެކު ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ބޭފުޅެއްގެ ގޮތުގައިވެސް ޞަލާޙުލްބުދައިރު ފާހަގަކޮށްލެވެއެވެ. އަދި އެމަނިކުފާނުގެ އިސްލާމީ ޝަރީޢަތާއި ޤާނޫނު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއްވެސްމެއެވެ. ޕީއެޗްޑީ ޙާސިލުކުރެއްވީ އިސްލާމީ ފިޤުހުންނެވެ.
މިދިޔަ ހޯމަދުވަހު ޑރ. ޞަލާހުލްބުދައިރު ރާއްޖެއަށް ވަޑައިގަތުމާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި މިވީ 4 ދުވަހުގެ ތެރޭގައި ރައްޖޭގައި މުހިއްމު ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މިގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމްއާ ބައްދަލުކުރެއްވުމުގެ އިތުރަށް ދީނީ ޢިލްމުވެރިންނާއި ފަތުވާދޭ އެންމެ މަތީ މަޖިލީހާވެސް ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ޑރ. ބުދައިރު ވަނީ ޕްރީސްކޫލްގެ ދަރިވަރުންނާއި ޒުވާން އިމާމުންނާއި ޙާފިޒުންނާއި ޚަތީބުންނާވެސް ބައްދަލުކުރައްވާފައެވެ.
މަދީނާ އިސްލާމީ ޔުނިވާސިޓީން ތަޢުލީމް ޙާސިލްކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޑރ. އިސްމާޢިލް މުޙައްމަދާއިވެސް ޑރ. ބުދައިރު ބައްދަލުކުރައްވާފައިވާއިރު ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންނާއި ކިރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައި ކިޔަވަމުންދާ ދަރިވަރުންނާވެސް ބައްދަލުކުރެއްވިއެވެ.
ޑރ. ބުދައިރުގެ ދަތުރުފުޅުގައި މި ފާއިތުވި ތިން ދުވަހަކީވެސް ދިވެހިންނަށް ވަރަށް ޚާއްސަ ދުވަސްތަކެކެވެ. ސަބަބަކީ ދުނިޔޭގެވެސް އެންމެ މާތް މިސްކިތުގެ ތެރެއިން މިސްކިތެއްގެ އިމާމުގެ ފަހަތުގައި ނަމާދުކުރުމުގެ ފުރުޞަތު ގިނަ ދިވެހިންނަށް ލިބުނު ފަހަރެކެވެ.
މަސްޖިދުއްނަބަވީގެ އިމާމެއްގެ ފަހަތުގައި ނަމާދެއް ކޮށްލުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބެނީ ޢުމްރާގެ އަޅުކަމަށް ނުވަތަ ޙައްޖުވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދާ ފަހަރެއްގައެވެ. މިފަދަ ފުރުޞަތެއް ނުލިބޭ މީހުންނަށްވެސް މިއަދު އެފަދަ އިމާމެއްގެ ފަހަތުގައި ނަމާދު ކުރުމުގެ ފުރުޞަތެއް މިވަނީ ލިބިފައެވެ.
މިގޮތުން މިދިޔަ ބުދަދުވަހު ޑރ. ޞަލާހުލް ބުދައިރު މަޣްރިބް އަދި އިޝާނަމާދު ސަލްމާން މިސްކިތުގައި އިމާމްވެ ކުރެއްވިއިރު ރޭގައި ވަނީ އިސްލާމީ މަރުކަޒުގައި އިޝާނަމާދު އިމާމްވެ ކުރައްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނުގެ ޚާއްސަ ދަރުހެއް އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔައެވެ. ހަމަ މިޔާއެކު މިއަދުގެ ހުކުރު ނަމާދު އިސްލާމީ މަރުކަޒުގައި ކުރެއްވީވެސް ޑރ.ޞަލާހުލްބުދައިރުއެވެ.
ދީނީ މިފަދަ ވަރުގަދަ ޝަޚުޞިއްޔަތެއް ރާއްޖެއަށް ވަޑައިގަތުމުން ދޭހަކޮށްދެނީ އިސްލާމީ ބޮޑެތި ޤައުމުތަކާ ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރެއްވުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމެވެ. މިއީ އެ މަސައްކަތްތަކުގެ ފޮނި ނަތީޖާއެވެ. ކޮންމެއަކަސް 40 އަހަރު ފަހުން މާތްވެގެންވާ ޙަރަމްފުޅުގެ އިމާމަކަށް މަރުޙަބާ ކިޔުމުގެ ފުރުޞަތު އަޅުގަނޑުމެން ދިވެހިންނަށް ލިބުމަކީ އެކަމާ ފަޚުރުވެރިވާންޖެހޭ ކަމެކެވެ.