ޚަބަރު

އަލް ހިލާލް އޭޝިއަން ޗެމްޕިއަންސް ލީގުގެ ސެމީއަށް


އޭޝިއާގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ސައުދީ އަރަބިއްޔާގެ އަލް ހިލާލްއިން ހޯދައިފިއެވެ.

އަލް ހިލާލްއިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުއާޓަރ ފައިނަލުގައި ދެކުނު ކޮރެއާގެ ގްވަންޖޫއާ ދެކޮޅަށް ކުޅުނު މެޗު 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ސަރަހައްދީ ޗެމްޕިއަންކަން މީގެ ކުރިން ފަސް ފަހަރު މަތިން ހޯދާފައިވާ އަލް ހިލާލްއިން ހަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދަން މަސައްކަތް ކުރަމުންދާއިރު، މި މެޗުގައި އެ ޓީމުން ޖެހި ހަތް ލަނޑުގެ ތެރެއިން 3 ލަނޑު ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ. އެގޮތުން މެޗުގެ ހަވަނަ މިނިޓުގައި މިލިންކޮވިޗް ސަވިޗް ވަނީ ލަނޑެއް ޖަހާ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ.

އަދި މެޗުގެ 25 ވަނަ މިނިޓުގައި މާކޮސް ލިއޮނާޑޯ އިތުރު ލަނޑެއް ޖަފާއިވާއިރު އޭގެ އަށް މިނިޓު ފަހުން ސާލެމް އަލް ދައުސާރީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގައި އަލް ހިލާލަށް އިތުރު ލަނޑުތައް ޖަހައިދީފައިވަނީ މިޓްރޮވިޗް އާއި މެލްކޮމް އާއި ނާސިރު އަލް ދައުސާރީގެ އިތުރުން އަބްދުالله އަލް ހަމްދާން އެވެ.

ކިންގް އަބްދުالله ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއިއެކު މި މުބާރާތުގެ ސެމީ ފައިނަލުގައި އަލް ހިލާލް އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ މިއަދު އަލް އަހުލީ އާއި ދެކޮޅަށް ތައިލެންޑްގެ ބުރިރާމް ޔުނައިޓެޑް ކުޅޭ މެޗަށްފަހުގަ އެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މި ފަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލާއި ސެމީ ފައިނަލުގެ އިތުރުން މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސައުދި އަރަބިއްޔާގެ ޖިއްދާގަ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 3 ވަނަ ދުވަހު އެވެ.