ޚަބަރު

ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ލަސްތަކެއްނުވެ ފެށޭނެ: ވަޒީރު ޑރ. މުއްޠަލިބް


  • ޕްލޭންތައް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް

  • ޕާކު ސާފުކޮށް، ޕާކުގެ ސާވޭއެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދޭ

ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ، ފެށޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވައި ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ސަލްޓަން ޕާކު ތަރައްޤީކުރަން ފެށުމަށްޓަކައި ޕާކު ސާފުކޮށް، ތަރައްޤީކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޕާކުގެ ކުރެހުމެއް ނެތުމުން ޕާކު ސާވޭ ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޕާކު ތަރައްޤީކުރުމުގެ ޕްލޭން ފައިނަލްކޮށް، ތަރައްޤީކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ، ވަރަށް އަވަހަށް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.


ސަލްޓަން ޕާކު ބަންދުކުރިތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އެހެންކަމުން ޕާކު ވީރާނާވެ، ކުށްކުރާ ފަރާތްތަކުގެ ހާއްޔަކަށް އެތަން ވަނީ ބަދަލުވެފައެވެ. ޕާކު އަލުން ތަރައްޤީކޮށް، ޢާންމުންނަށް ހުޅުވާލުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ ދަށުން ޕާކު ނަގައި، އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖައްސާލަން ޒިޔާރަތްކުރެވޭނެ ތަނެއްގެ ގޮތުގައި އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭ ގޮތަށް ސަލްޓަން ޕާކާއި ރަސްފަންނު ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ޢާއިލާތަކަށް ހިތްފަސޭހަކަމާއި އުފާވެރިކަމާއެކު ވަގުތު ހޭދަކުރެވޭނެ ފަދަ މާޙައުލުތައް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އަހަންމިއްޔަތުކަމެއްދެއްވާ ކަމެކެވެ. އެ ގޮތުން މާލޭގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެވެ.