ދެ ޑިވިޝަނުން 24 ޓީމާއެކު ކުރިއަށްދާ ފޯރިގަދަ "ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް 2025" ގައި މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ ފަހުމެޗުތަކެވެ. އެގޮތުން މިއަދު ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ތާވަލުކޮށްފަވާއިރު އިއްޔެވެސް މުބާރާތުގައިވަނީ ދެ ޑިވިޝަން ހިމެނޭހެން ފޯރިގަދަ ހަތަރު މެޗު ފެނިގެންގޮސްފައެވެ.
"ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް 2025"ގެ ފިރިހެނުންގެ ޑިވިޝަނުގައި އިއްޔެ ތިން މެޗު ކުޅެފަވާއިރު، އެންމެ ފުރަތަމަ ކުޅުނީ ބީޗް ބޯއިސް އަދި ޒެފީރްސް ވާދަކުރި މެޗެވެ. މިމެޗު ބީޗް ބޯއިސްއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. އެއަށްފަހު އައިލެންޑާސް ހޯޕްއާ ވާދަކޮށް 2-0އިން މެޗު ކާމިޔާބުކުރީ ކުލަބު ޒެފްރޯލުންނެވެ. އިއްޔެ ކުޅުނު ފިރިހެން ޑިވިޝަނުގެ ފަހު މެޗުގައި ވާދަކުރީ ކުލަބު ހުޅާ އާރްޑީއެލްއެވެ. މިމެޗު 2-0އިން ކާމިޔާބުކުރީ އާރްޑީއެލްއެވެ.
މިމުބާރާތުގެ އަންހެނުންގެ ޑިވިޝަނުގައި އިއްޔެ ކުޅުނީ އެންމެ މެޗެކެވެ. މިމެޗުގައި ވާދަކުރީ އެންއެކްސް އެސްސީ އާއި ކުލަބު ޒެފްރޯލްއެވެ. ފޯރި ގަދަ ކުޅުމަކަށްފަހު މިމެޗު އެންއެކްސް އެސްސީ ކާމިޔާބުކުރީ 2-0ގެ ތަފާތަކުންނެވެ.
ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތަކީ ވެސްޓް އެންޑް ސްޕޯޓްސް ކުލަބާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއީ މިހާތަނަށް އެންމެ ގިނަ ޓީމުން ވާދަކުރާ ބީޗް ހޭންޑްބޯލް މުބާރާތެވެ.
ދެ ޑިވިޝަނަކަށް ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ޑިވިޝަނަކުން 12 ޓީމު ވާދަކުރާނެއެވެ. ތިން ގްރޫޕަކަށް ޓީމުތައް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމާއި ތިން ވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.
"ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް 2025"ގައި ކޮންމެ ޑިވިޝަނަކުންވެސް ޗެމްޕިއަން ޓީމަށް 7500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން މި މުބާރާތުގެ ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ކަނޑައެޅިފަވެއެވެ. މި މުބާރާތުގެ ފައިނަލް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހުއެވެ.