ޚަބަރު

އިޤުތިޞާދީ ގޮތުން ކުރިއަރާ ދިއުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް މެލޭޝިޔާގެ ތަޢުރީފު


  • ތަރައްޤީ ގެނައުމަށް ރާއްޖެއިން އައު މިސްރާބެއް ޖަހާފައިވާކަމަށް ބޮޑުވަޒީރު ވިދާޅުވި

  • ދެމެހެއްޓެނިވި، ތިމާވެށްޓާއި ރައްޓެހި ކުރިއެރުން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވި

އިޤުތިޞާދީ ގޮތުން ކުރިއަރާ ދިއުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ތަޢުރީފުކުރައްވައިފިއެވެ.

ރާއްޖެ-މެލޭޝިޔާ އިންވެސްޓްމަންޓް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ ތަރައްޤީވެ ކުރިއަރައި ދިއުމުގައި ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން މިއަދު ބޭއްވި ބައްދަލުވުމުން ފާހަގަވި ކަމަށެވެ. އަދި ރާއްޖެ ވަނީ ތަރައްޤީއާއި އިޤުތިޞާދީ ގޮތުން އައު މިޞްރާބަކަށް ޖަހާފައިކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިދާޅުވީ ދެމެހެއްޓެނިވި، ތިމާވެށްޓާއި ރައްޓެހި ތަރައްޤީއެއް ގެނައުމަށް ރާއްޖެއިން މަސައްކަތްކުރަމުން އަންނަކަން ފާހަގަވާ ކަމަށެވެ. އަދި ތަރައްޤީގެ އައު ސިޔާސަތުތަކުގެ ތެރެއިން ޑިޖިޓަލްއާއި އޭއައި ބޭނުންކޮށްގެން ފަންނިއްޔާތުގެ ދާއިރާއިން ކުރިއަރާ ދާންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންވެސްޓްމަންޓް ފޯރަމާ ގުޅޭގޮތުން ބޮޑުވަޒީރު ވިދާޅުވީ ތަރައްޤީ ހޯދުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންއަންނައިރު، މެލޭޝިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރުދޭ ކަމަށެވެ. އަދި މެލޭޝިޔާގައިވެސް ރާއްޖޭގެ އިންވެސްޓަރުންނަށް ވިޔަފާރީގެ އެކި ފުރުޞަތުތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ އައު ދާއިރާތަކުން ދެ ޤައުމު ގުޅިގެން ކުރިއަރާ ދާންވީ ވަގުތު. އެއީ ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ދާއިރާވެސް ހިމެނޭހެން. ދެ ޤައުމުގެ އިންވެސްޓަރުންނަށް ވެސް މި ހުޅުވެނީ އައު މާކެޓުތަކެއް. އަޅުގަނޑު އެދެނީ ދެ ޤައުމުގެ މި ގުޅުން ވަރުގަދަ ކަމާއެކީ ދެމެހެއްޓުމަށް." މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ގިނަ ދާއިރާތަަކަކުން ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާފައިވާއިރު، ބައެއް ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި ޞިއްޙީ ދާއިރާ ހިމެނެއެވެ.