މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ފަށައިފިއެވެ. މިއީ ރާއްޖޭއިން ބޭރުގައި މި ޙިދުމަތްދޭން ފެށި ފުރަތަމަ ޤައުމެވެ.
މެލޭޝިއާގައި ދިވެހ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މި ދެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު އައިޑީ ކާޑު އަދި ޕާސްޕޯޓު ވަނީ ދެ ފަރާތަކާ ހަވާލުކޮށްފައެވެ. ޕާސްޕޯޓު އަދި އައިޑީކާޑު ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ މެލޭޝިއާގައި މިފަދަ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވައެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މެލޭޝިއާގެ އިތުރުން، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ. މީގެއިތުރުން މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންދާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާއި ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުންކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއެވެ.