ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގަވާއިދުތައް ތަންފީޒުކުރުމަށް ދުންފަތުގެ އިސްތިއުމާލު ކުރާ ތަންތަން ބަލާ ފަސްކުރުމާއި މިގަނޑުތަކަށް ފެތޭތޯ ބެލުމަށް ހާއްސަ އިންސްފެކްޝަންތަކެއް ކުރިއަށް ގެންދާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. މި އިންސްޕެކްޝަނެއް ކުރިއަށް ގެންދަނީ ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާއި ޞިއްޙީ ވުޒާރާ ގުޅިގެންނެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ޖީލުތަކެއް އެ ވަބާގެ ތެރެއަށް ގެއްލިގެން ދާ މަންޒަރު ބަލަން ސަރުކާރަކުން ތިބެންވާނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުން އާދައަކަށް ނުވަނީސް އެކަން ހުއްޓުވަން ޖެހޭކަމަށް އެމަނިކުފާނު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ދުންފަތުން ރައްކާތެރި ޖީލެއް ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމަށް، ކަމާބެހޭ އިދާރާތައް ގުޅިގެން ހާއްސަ އިންސްޕެކްޝަންތަކެއް މި މަހުގެ 20 ވަނަ ދުވަހު ފަށާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެއެވެ. އަދި އެކަމުގައި ހަރަކާތްތެރިވާ ޓީމުތަކަށް އެއްބާރުލުން ދެއްވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އެޗްޕީއޭއިން ވިދާޅުވީ މި އިންސްޕެކްޝަންތައް އަމާޒުކޮށްފައިވަނީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ލައުންޖުތަކަށް ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ ބާވަތްތަކުގައި ލޭބަލް ޖަހާފައި ވަނީ ރަނގަޅަށްތޯއާއި، ވަކިން ސިނގިރޭޓު ވިއްކުމާއި ޕެކެޓްކޮށްގެން ވިއްކާ ދުންފަތުގެ ބާވަތްތަކުގެ ޕެކިން ހުރީ ރަނގަޅަށްތޯ ބެލިގެން ދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ހަމައެހެންމެ މީހުންނަށް ފެންނަގޮތަށް ދުންފަތުގެ ބާވަތްތައް ބަހައްޓާފައިވޭތޯއާއި ވޭޕް ބޭނުންކުރުމާއި، ވިއްކުންފަދަ ކަންކަން ބެލިގެންދާނެވެ. އަދި އޭސީކޮށްފައި ހުންނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެތަންތަން ދެނެގަނެ ފިޔަވަޅު އެޅިގެންދާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
އެޗްޕީއޭއިން ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް، ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށެވެ.