ކުޅިވަރު

ކާވާގެ "ފެޑެރޭޝަން އޮފް ދަ އިޔަރ - ގޯލްޑް" ވީއޭއެމްއަށް ލިބިއްޖެ


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން ހޮވި "ފެޑެރޭޝަން އޮފް ދަ އިޔަރ - ގޯލްޑް" އެވޯޑް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް ލިބިއްޖެއެވެ. މި އެވޯޑް ވީއޭއެމްއަށް ލިބިފައިވަނީ ކާވާގެ އަހަރީ އާއްމު ޖަލްސާގައެވެ.

މިމަހުގެ 25 ވަނަ ދުވަހު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ބޭއްވި ކާވާގެ އަހަރީ އާއްމު ޖަލްސާގައި މި އެވޯޑް ދެވިގެންދިޔައިރު ވީއޭއެމްގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސައީދެވެ. ކާވާގެ ފަރާތުން ވީއޭއެމްއަށް މި އެވޯޑް ހަވާލުކޮށްދެއްވީ މިޖަލްސާގެ ޝަރަފުވެރި މެހެމާނު ނޭޕާލުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ޗޭޖޫ ލާލް ޗައުދަރީއެވެ.

މި ބައްދަލުވުމުގައި "ކާވާ އެވޯޑްސް" ތައާރަފުކޮށްފަވާއިރު، "ކާވާ ޑިސްޓިންގުއިޝް ސާރވިސް މެޑަލް" ހިމެނޭހެން ތަފާތު ތިން އެވޯޑެއް ދެވިގެން ދިޔައެވެ. އެއީ "އިންޓަނޭޝަނަލް އެކްސެލެންސް އެވޯޑް، "ފެޑެރޭޝަން އޮފް ދަ އިއަރ އެވޯޑް' އަދި "ޕާރފޯރމަންސް އެކްސެލެންސް އެވޯޑް" އެވެ.

"ކާވާ އެވޯޑްސް"ގެ ތެރެއިން ވީއޭއެމް އަށް ލިބުނު ”ފެޑެރޭޝަން އޮފް ދަ އިޔަރ"ގެ އެވޯޑު ދިނުމުގައި ބަލާ މިންގަނޑު ތަކުގެ ތެރޭގައި، މުބާރާތްތައް ހޯސްޓުކުރުމާއި، މުބާރާތްތަކުގައި ބައިވެރިވުމުގެ އިތުރުން ޑިވެލޮޕްމަންޓު ޕްރޮގްރާމްތައް ހިންގާ، މިފަދަ ޕްރޮގްރާމުތަކުގައި އެ ގައުމުތަކުން ބައިވެރިވާ މިންވަރަށް އިންސާފުކުރެވެއެވެ. އެއަށްފަހު ކަނޑައެޅޭ ވަކި އުސޫލަކުން ދެވޭ ޕޮއިންޓަށް ރިއާޔަތްކޮށް އެންމެ މަތިން ޕޮއިންޓު ހޯދާ ތިން ގައުމަށް މި އެވޯޑު ލިބިގެންދެއެވެ. މި ކެޓަގަރީން ފަޚުރުވެރި އެއްވަނަ ހާސިލުކުރުމާ ގުޅިގެން "ގޯލްޑް އެވޯޑް" ވީއޭއެމްއަށް ލިބިފަވާއިރު، މި މިކެޓަގަރީން ދެވަނަ ހޯދާ "ސިލްވަރ އެވޯޑް" ލިބިފައިވަނީ ނޭޕާލަށެވެ. އަދި ތިންވަނައާއެކު "ބްރޯންޒް އެވޯޑް" ހާސިލްކޮށްފަވަނީ އުޒްބަކިސްތާކުންނެވެ.

ކާވާގެ އަހަރީ ބައްދަލުވުމުގައި ތަފާތު އެކި ކެޓަގަރީތަކުން ގިނަ އެވޯޑްތަކެއް ދީފައިވާއިރު، ކާވާއަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށްވެސްވަނީ އެވޯޑުދީފައެވެ. އެގޮތުން "ކާވާ ޑިސްޓިންގުއިޝް ސާރވިސް މެޑަލް"ގެ ނަމުގައި ދިން މި އެވޯޑް މިއަހަރު 13 ފަރާތަކަށްވަނީ ހާސިލްކޮށްފައެވެ.

ކާވާގެ އަހަރީ ޖަލްސާ ކާމިޔާބުކަމާއެކު ބޭއްވިގެންދިޔައިރު، ކާވާގެ ގައުމުތަކުގެ މަންދޫބުން ވަނީ މިޖަލްސާގައި ބައިވެރިވެވަޑައިގަންފައެވެ.