ޚަބަރު

އަހަރެން މެސީއާ އެއްވަރެއް ނޫން: ޔަމާލް


އޭނާ މަސައްކަތް ކުރަމުންދަނީ އަމިއްލަ ގޮތުގައި ކުރިއަށް ދިއުމަށް ކަމަށް ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ބުނެފިއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އިންޓަރ މިލާނާ ދެކޮޅަށް މިރޭ ބާސެލޯނާ ކުޅޭ މެޗުގެ ކުރިން ޔަމާލް ބުނެފައިވަނީ އޭނާ މެސީއާ އަޅުވައި ކިޔަން ބޭނުންނުވާ ކަމަށެވެ.

"އަހަރެން އެއް އިރެއްގައިވެސް މެސީ އާއި އަޅުވާ ނުކިޔަން އަދި ވަކިން ހާއްސަކޮށް މެސީ އާ. މެސީ އަކީ ފުޓްބޯޅައިގެ ތާރީޚުގައިވެސް އެންމެ މޮޅު ކުޅުންތެރިޔާ." އުމުރުން 19 އަހަރުގެ ލަމީން ޔަމާލް ބުންޏެވެ.

"އަހަރެން ގަބޫލެއް ނުކުރަން އެއްވެސް ކުޅުންތެރިޔަކާ އެއްވަރުތޯ ބެލުމަށް އަޅުވާ ކިޔަންވާނެ ކަމަކަށް. އަހަރެން ބަލަނީ އަމިއްލަ ގޮތުގައި ކުރިއަށް ދާން." ލަމީން އިތުރަށް ބުންޏެވެ.

ޒުވާން އުމުރުގައި ލަމީން ޔަމާލް ވަނީ ސްޕެއިން އާއެކު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި މިރޭ އިންޓަރ މިލާނާއި ދެކޮޅަށް އޭނާ ކުޅޭ މެޗަކީ ބާސެލޯނާއަށް ކުޅެދޭ 100 ވަނަ މެޗެވެ.

މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރަސަތު ބާސެލޯނާ އަށް ލިބިފައިވާއިރު އެ ޓީމުން ވަނީ މި ހަފްތާގައި ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ވަދަވެރި ރެއާލް މެޑްރިޑް 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ހޯދާފަ އެވެ.

ސްޕެއިންގެ ބޮޑު ބަޔަކުން މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ކަރަންޓު ކެނޑިފައިވީ ނަމަވެސް ހަމަޖެހިފައިވާ ގޮތަށް މި މެޗު ކުރިއަށްދާނެ ކަމަށް ޔޫއެފާއިން ވަނީ ބުނެފަ އެވެ. އަދި މެޗުގެ ކުރިން ދެ ޓީމުގެ އެންމެ ފަހުގެ ފަރިތަކުރުންތައް ބާއްވާފައިވާއިރު ނޫސްވެރިންގެ ބައްދަލުވުންވެސް ވަނީ ބާއްވާފަ އެވެ.