ޑޮކްޓަރުކަން ކިޔަވައިގެން އަންނަ ގްރެޖުއޭޓުންނަށް އަތޮޅުތަކުގައި މެޑިކަލް އިންޓަރންޝިޕް ހެދުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ހުޅުވާލައިފިއެވެ. މި ފުރުޞަތު ފުރަތަމަ ހުޅުވާލާފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޯސްޕިޓަލުގައެވެ.
ޑޮކްޓަރުކަން ކިޔަވައިންގެ ރާއްޖެ އަންނަ ދަރިވަރުންނަށް މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު މިވަގުތު ލިބެނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެކަންޏެވެ. މިއީ ކިޔަވާ ނިންމާ ދާއިމީ ޚިދުމަތަށް ނިކުތުމުގެ ކުރިން، މަސައްކަތްކަތުގެ މާޙައުލަށް އަހުލުވެރިވުމަށް ފުރިހަމަކުރާ 1 އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމެކެވެ. މިއީ ޑޮކްޓަރުކަން ކުރުމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ މަރުހަލާއެކެވެ.
ނަމަވެސް މިހާރު އުސޫލުއޮތްގޮތުން، މެޑިކަލް އިންޓަރންޝިޕް ހެދެނީ ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މީގެ ސަބަބުން، އިންޓަރންޝިޕަށް ފުރުޞަތު ހޯދަން ދަތިވުމާއި އަދި ކިޔަވާ ނިންމާ މާލޭގައި އިތުރު 1 އަހަރު މަޑުކުރަންޖެހުމުގެ ޝަކުވާތައްވެސް ކުރިމަތިވެއެވެ.
މިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު މިވަނީ އިތުރު ހޮސްޕިޓަލުތަކާއި އަތޮޅުތަކުގައިވެސް މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ. އެގޮތުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރެވޭގޮތަށް ސިއްޙީ ވުޒާރާއިން ހަމަޖައްސާފައިވާއިރު، މިހާރު މިވަނީ އެކަމަށް ކުރިމަތިލުމަށް އޭއީއެޗްއިން ހުޅުވާލާފައެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ފުރަތަމަ އިންޓޭކްގައި، 15 ޑޮކްޓަރުންނަށް އިންޓަރންޝިޕް ފުރިހަމަކުރުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
• އެމް.ބީ.ބީ.އެސް ހެދި ކޮލެޖު/ޔުނިވަރސިޓީގެ ސެޓްފިކެޓް (އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި)
• ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރެޖިސްޓްރީވެފައިވާކަމުގެ ލިޔުން
• 5 އަހަރުގެ ޕޮލިސް ރެކޯޑް
• އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ
• ޕާސްޕޯޓް ސައިޒުގެ ފޮޓޮއެއް
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އިންޓަރޝިޕް ހަދާ މެޑިކަލް ގްރެޖުއޭޓުންނަށް އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 15ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.
ފޯމު، [email protected] އަށް އަދި އޭއީއެޗްގެ އިދާރީ އޮފީހަށްވެސް ހުށައެޅޭނެއެވެ.
އޭއީއެޗްއިން ބުނެފައިވަނީ، 15 އަށްވުރެ އިތުރަށް ގްރެޖުއޭޓުން އިންޓަރންޝިޕަށް ފޯމު ހުށައަޅައިފިނަމަ، އިސްކަން ދޭނީ އެންމެ ފުރަތަމަ ގްރެޖުއޭޓުވި ދަރިވަރުންނަށް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ދިނުމަށްކަމަށެވެ.
އޭއީއެޗްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުންވެސް މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ސަރުކާރުގެ އަމާޒަކީ ޖޫންމަހުގެ ތެރޭގައި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގައި އިންޓަރންޝިޕް ފުރިހަމަކުރަން ފެށުމެވެ.