ޚަބަރު

ހުރާ ޓީމުގެ ހިތްވަރަކީ ސަޕޯޓަރުން، ސެމީއަށް ނުކުންނާނީ ތަށި ހޯދުމުގެ އަޒުމުގައި


ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތު 2025 ގެ އަންހެން ޑިވިޝަނުގައި ބުރާސްފަތި ދުވަހު ހަވީރު ފްލެކްސަރ ސްޕޯޓްސް ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދި މެޗުގައި ކުޅުންތެރިންގެ ފަރާތުން ޕޮޒިޓިވް ވިސްނުން ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމަށް ހުރާ ކޮމިއުނިޓީ ކުލަބުގެ ކޯޗު މުޙައްމަދު ނަދީމް ބުނެފިއެވެ.

މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަ ދައްކަމުން ކޯޗު ނަދީމް ބުނީ އެ މެޗަށް ނިކުތީ ވެމްކޯއާ ދެކޮޅަށް ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ހެދުނު ގޯސްތައް ކުޅުންތެރިންނަށް ކިޔާދީ ވަރަށް ރަނގަޅަށް މޮޓިވޭޓްކޮށްގެން ކަމަށެވެ.

"ވެމްކޯއާއެކު ކުޅުންމެޗުން ވަރަށް ކައިރިކައިރިން ބަލިވީ. މި މެޗުގައި ކުދިންގެ ޕޮޒިޓިވް ވިސްނުން ވަރަށް ބޮޑަށް ފެނިގެން ދިޔަ. ބިދޭސީ ކުޅުންތެރިންވެސް ބުނި ކޮންމެ ގޮތަކަށް. ޓީމު ވޯކެއް ގޮތަށް މަސައްކަތްކޮށްގެން މި މޮޅުވީ" ނަދީމް ބުންޏެވެ.

ސެމީ ފައިނަލަށް ތައްޔާރުވާ ހުރާ ޓީމުގައި އޮތީ ވަރަށް ޒުވާން ޓީމެއް ކަމަށާއި، އެގޮތުން މެޖޯރިޓީ ކުޅުންތެރިންނަކީ 13 އަހަރާއި 14 އަހަރާއި 21 އަހަރުގެ ކުޅުންތެރިނެވެ. ހުރާ ޓީމުގެ ރަޝިޔާ ދެ ކުޅުންތެރިންނަކީވެސް 21 އަހަރުގެ ދެ ކުޅުންތެރިން ކަމަށް ފާހަގަކުރަމުން ކޯޗު ބުނީ ފުރަތަމަ ކޮޅު ގޭމު އަންޑަސްޑޭޓްވުމުގައި އެ ކުޅުންތެރިންނަށް ދަތިތަކެއް ހުރިކަމަށެވެ.

"ފުރަތަމަ ގެނައިއިރު ހުރި ބެރިއާސްތަކެއް ބަހުރުވަ. ބަސް ބޭނުންކުރުމަށް. ދެން އެހެން ސިސްޓަމަކަށް އެމީހުން ކުޅެނީ. އެ ދެކުދިން ލައްވާ އެކަނި ސޮޓް ޖައްސުވައިގެން އަޅުގަނޑުމެން ގިނައިން މިކުޅެނީ. އެހެންވީމަ އުނދަގޫތަކެއް ހުރި. އެކަމަކުވެސް ހަމަ އެއް ދުވަހުން އަނެއް ދުވަހަށް އެކުދިންނަށްވެސް ގޭމް އަންޑަސްޓޭންޑްވެ މިހާރު ވަކި ތަފާތެއް ނެތް ހުރާ ދިވެހި ކުޅުންތެރިއެކޭ ބިދޭސީ ކުޅުންތެރިއެކޭ" ނަދީމް ބުންޏެވެ.

ނަދީމް ބުނީ ޓީމަށް ލިބޭ އެންމެ އުފާވާ އެއް ކަމަކީ ހުރާ ސަޕޯޓަރުން ސޯޝަލް ސެންޓަރަށް އައިސް ސަޕޯޓްކުރުން ކަމަށާއި، އެއީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ބުރާސްފަތި ދުވަހުގެ މެޗާ ގުޅޭ ގޮތުން ޓީމުގެ ކެޕްޓަންގެ ޒިންމާތަކާއި ހަވާލުވެގެން ހުރި މަރިޔަމް ރިޝްފާ ބުނީ ރަށުގެ ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑަށް ހިތްވަރު ލިބޭ ކަމަށާއި، މާޔޫސްވެގެންދާ ހާލަތުގައިވެސް ސަޕޯޓަރުން ތިބިކަން އެނގޭތީ އިތުރަށް މަސައްކަތް ކުރާ ހިތްވާ ކަމަށެވެ. އަދި 3 ސެޓުން ސެމީއަށް ދިޔަ މެޗަށް ނިކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި، އޭގެ ކުރީގެ މެޗުތަކުން ހެދުނު ގޯސްތައް ކޯޗުގެ އިރުޝާދާއެކު ރަނގަޅު ކޮށްގެން ކަމަށް އޭނާ ބުންޏެވެ.

ކޮންމެ މެޗަކަށްވެސް ނިކުންނަކީ ހުރިހާ ޓީމަކީވެސް ވަރުގަދަ ޓީމެއްކަމަށް ދެކިގެން ކަމަށާއި، އެހެންނަމަވެސް އެންމެފަހުގެ ޗެމްޕިއަން ވެމްކޯއާއި ދެކޮޅަސް ނިކުންނައިރު ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް އޮންނަ ކަމަށް ރިޝްފާ ބުންޏެވެ.

އޭނާ ބުނީ ހުރާ ޓީމުން ސެމީފައިނަލަށް ނިކުންނައިރުވެސް އުންމީދަކީ ލީގު ހޯދުންކަމަށާއި، ފައިނަލުން ޖާގަ ހޯދާ ހުރާއަށް ޗެމްޕިއަންކަން ހޯދައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.