ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން މާދަމާ ހެނދުނު 10 ޖަހާއިރު


  • ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ރައީސް އޮފީހުގައި

  • ނޫސްވެރިން ބޭނުން ސުވާލެއްކުރުމުގެ ފުރުޞަތުދެއްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން މާދަމާ ހެނދުނު 10 ޖަހާއިރު ބޭއްވުމަށް ނިންމައިފިއެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މަޢުލޫމާތު ހިއްސާކުރެއްވުމަކީ ޚާއްޞަ އިސްކަމެއް ދެއްވާކަމެއް ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ނޫސްވެރިން ބޭނުން ސުވާލެއްކުރުމުގެ ފުރުސަތުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައްޔިތުންނާ ގާތުން މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުން ކުރިއަށްގެންދަވާ "ރައްޔިތުންނާ އެކު" މިނަމުގައި މިދިޔަ އޭޕްރީލްމަހުގެ 17 ވަނަ ދުވަހު ދެއްކި ޕޮޑްކާސްޓުގައެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް މިސަރުކާރުން ދޭނެކަމަށެވެ. އެ ގޮތުން އެކިއެކި ޕްލެޓްފޯމްތަކުގައި މަޢުލޫމާތު ހިއްސާކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ، މެއި މަހުގެ 3 ވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނޫސްވެރިންގެ މިބައްދަލުވުމުގައި ނޫސްވެރިން ބޭނުން ސުވާލެއްކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް ތައްޔާރަށް ހުންނެވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ފަށާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ފަދަ އެހެން ޕްރޮގުރާމެއް ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިއުމުގެ ވިސްނުންފުޅު ހުރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.