ޚަބަރު

މިހާތަނަށްވެސް ޖުޑިޝަރީއަށް ނުފޫޒެއް ފޯރުވާފައެއް ނޯންނާނެ، ނުވެސް ފޯރުވާނަން: ރައީސް


  • މިނިވަން މުއައްސަސާތަަކަށް ބޭފުޅުން އައްޔަންކުރަނީ އެ ކަމަށް ޤާނޫނުން ލާޒިމްކުރާތީކަމަށް ވިދާޅުވި

  • އެއްވެސް މީހެއްގެ މައްސަލައަކަށް ނުފޫޒު ނުފޯރުވާނެކަމަށް ވިދާޅުވި

މިހާތަނަށް އައިރު، ޝަރުޢީ ދާއިރާއަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާފައެއް ނުވާނެ ކަމަށާއި އަދި އެފަދަ ކަމެއް ނުވެސް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަމަށްބުނެ އެމަނިކުފާނަށް އަމާޒުވަމުންދާ ތުހުމަތުތައް ދޮގުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިހާތަނަށް ދުވަހަކުވެސް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާފައި ނުވާނެކަމަށެވެ. މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރަނީ އެ ކަމަށް ޤާނޫނުން ލާޒިމްކުރައްވާތީކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައްޔަންކުރުމަށްފަހު އަބަދުވެސް އިރުޝާދު ދެއްވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރެއްވުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

"އެއްވެސް ފަނޑިޔާރަކަށް ނޯންނާނެ އަޅުގަނޑު ނުފޫޒު ފޯރުވިއެކޭ ބުނުމުގެ ފުރުޞަތެއް. ކޯޓުތަކުން ތާވަލުކުރުމަކަށް ކުރާ ހުކުމެއް އަޅުގަނޑު ނުބަލަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރީގެ ރައީސް، ޢަބްދުﷲ ޔާމީނުގެ މައްސަލައަށްވެސް އަލިއަޅުވާލެއްވިއެވެ. ރައީސް ވިދާޅުވީ ރައީސް ޔާމީނާއި އަދި އެނޫންވެސް މީހެއްގެ މައްސަލައަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަކީ އެމަނިކުފާނު ވަރަށް އިޙްތިރާމްކުރާ ބޭފުޅެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"2018 ގައި ރައީސް ޔާމީން އިންތިޚާބުކުރުމަށް ރެޔާއި ދުވާލު މަސައްކަތްކުރިން. ސިޔާސީ ދަޢުވާއެއްގައި ރައީސް ޔާމިން ޖަލައްލީ. އޭރުގެ ރައީސް ޞާލިހު މަރުހަބާ ކިޔަން ގުޅި. ފުރަތަމަ ކޯލުގައިވެސް އަޅުގަނޑު ދެންނެވިން ރައީސް ޔާމީން މިނިވަން ކޮށްދެއްވާށޭ." ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ޤައުމާ މުޚާތަބުކުރައްވަމުންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝަރުޢީ ދާއިރާއަށް ނުފޫޒުނުފޯރުވާނެ ކަމަށާއި ސިޔާސީ ގޮތުން މީހުން ޖަލަށްލުން ނިމުމަކަށް އައިސްފައިވާކަމަށް ވިދާޅުވެފައެވެ.