ސިޔާސީ މަޤާމެއްހައި ހުރި މީހަކު ތަޙުޤީޤަކަށް ނުފޫޒު ފޯރުވާކަން އެނގޭ ހިސާބުން ވަގުތުން މަޤާމުން ވަކިކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދަންޖެހޭ ކަމަށެވެ. އެހެންކަމުން މަޢުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ގެންގުޅުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އިތުބާރު ޔަޤީންކުރުމަށްޓަކައި ތަޙުޤީޤުތައް ހިންގުމުގައި ފުލުހުންގެ ޤާބިލުކަން އިތުރުކުރަންޖެހޭ ކަމަށެވެ. އެގޮތުން ފުލުހުންގެ ތަޙުޤީޤުތަކަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދީ، ފުލުހުން ތަމްރީންކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ރައިސްގެ ވާހަކަފުޅުގައި ފުލުހުންގެ ތަޙުޤީޤުތަކަށް ނުފޫޒުފޯރުވުމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ސިޔާސީ މަޤާމެއްގައި ހުރި މީހަކު ތަޙުޤީޤަކަށް ނުފޫޒު ފޯރުވާކަން އެނގޭ ހިސާބުން ވަގުތުން މަޤާމުން ވަކިކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ފުލުހުންގެ ޕީއާރު މަސައްކަތްކުރާ ގޮތް ރަނަގަޅުކުރަން މިހާރު ވާނީ އަންގާފައި. ޚާއްސަކޮށް ފަހުން ދިމާވި ކަންތަކުގައި ވަރަށް ބޮޑަށް މީޑިއާ ޔުނިޓު ރަނގަޅުކުރަން ވާނީ އަންގާފައި. ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒުފޯރުވާނަމަ އެނގޭ ހިސާބަކުން އެ މީހަކު ނުހުންނާނެ އެ ތާކު." ރައީސް ވިދާޅުވިއެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް އިތުބާރު ދެމެހެއްޓުމަށް ފުލުހުންގެ މުއައްސަސާއަށް އިލްތިމާސްކުރައްވާފައެވެ.