ޚަބަރު

ނަޕޮލީ މޮޅުވެ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި


އިޓަލީގެ ސެރިއާގައި ރޭ ލެއްޗެ އާއި ދެކޮޅަށް ނަޕޮލީ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ނަޕޮލީ މޮޅުވެ ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މެޗުން ނަޕޮލީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 35 މެޗުން 77 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އިންޓަރ މިލާނަށް ލިބިފައިވަނީ 74 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ލެއްޗެ އަށް ލިބިފައިވާ 27 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 17 ވަނައިގައި ރެލިގޭޝަނުގެ ޒޯނުގަ އެވެ.

ރަށުން ބޭރުގައި ނަޕޮލީ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 24 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖިއާކޯމޯ ރަސްޕަޑޯރީ އެވެ.

އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ނަޕޮލީ އިން މި މެޗުގައި ރަގަޅު ކުޅުމެއް ދައްކާފައިވާއިރު މެޗުގެ ކުރީކޮޅު ފޯވަޑް ރޮމެލޯ ލުކަކޫ ލަނޑެއް ޖެހިނަމަވެސް ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

އަދި މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ނަޕޮލީގެ ޑިފެންޑަރ ކިއަލޮންޑާ ބޮލުން ފޮނުވާލި ހަމަލާ ލެއްޗެގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައިވަނީ ބޭރުވެފަ އެވެ.

ދެވަނަ ހާފުގައިވެސް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ނަޕޮލީއަށް ލިބިފައިވީ ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭ ގޮތް ވަނީ ނުވެފަ އެވެ.

ސެރިއާގައި ރޭ ވާދަވެރި އިންޓަރ މިލާން ވެރޯނާ އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އިންޓަރ މިލާން ވަނީ ކާމިޔާބުކޮށް ލީގު ހޯދުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ.

ލީގުގައި ބާކީ ތިން މެޗު ކުޅެން އޮތްއިރު ކުރިއަށް އޮތް ތިން މެޗުން މޮޅުވި ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާނަށް މި އަހަރު ލީގު ޗެމްޕިއަންކަން ލިބޭނީ އެއްވަނައިގައި އޮތް ނަޕޮލީއަށް ޕޮއިންޓުތަކެއް ގެއްލިގެންނެވެ.