ޚަބަރު

ރައީސްގެ ކިބައިން ފެންނަނީ މަސްޢޫލުވެރިއެއްގެ ކިބައިން ފެންނަ އެންމެ މަތިވެރި ސިފަ: ޢައްބާސް


  • އައްބާސް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުމަކީ ބޮޑު ޒިންމާއެއްކަމަށް

  • ދިވެހިންގެ ދިވެހިވަންތަކަށް ދިރުވާ އާލާކުރުމަށް ނޫސްވެރިންނަށް ގޮވާލެއްވި

ކަންކަން ރައްޔިތުންނަށް ސާފުކޮށްދެއްވައި، އޮޅުއްފިލުއްވައިދެއްވުމަށް، ރައީސުލްޖުލްހޫރިއްޔާ ކުރެއްވެވި މަސައްކަތްޕުޅަކީ ކޮންމެ މަސްޢޫލުވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ނަމޫނާ ސިފައެއްކަމަށް ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ 8ވަނަ އަހަރީ ދުވަހުގެ "ޕީއެސްއެމް އެވޯޑް 2025" ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނ.ޢ.ޢ.ވ އައްބާސް އިބްރާޙިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 15 ގަޑިއިރަށް ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމަކީ، ތާރީޚީ ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްކަމަށެވެ. ރައްޔިތުންނަށް ކަންކަން ސާފުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަވާ މަސައްކަތްޕުޅަކީ، އެންމެންވެސް އެކަމަކުން ނަމޫނާ ލިބިގަނެ، ތަބާންޖެހޭފަދަ މަސައްކަތްޕުޅެއްކަމަށްވެސް ޢައްބާސް އިބްރާހީމް ވިދާޅުވިިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު، ރައީސުލްޖުމްހޫރިއްޔާ، މީޑިއާތަކަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ވަނީ ޖަވާބުދެއްވާފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ދުނިޔޭގެ ރެކޯޑް ހޯދާފައިވާއިރު، މި ބައްދަލުކުރެއްވުމުގައި ވަކި ދާއިރާއެއް އިސްތިސްނާކުރުމެއް ނެތި ވަނީ މަޢުލޫމާތު ޙިއްސާކުރައްވައި، ކަންކަން އޮޅުންފިލުއްވާދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ކެތްތެރިކަމާއެކު ކުރިއަށްގެންދެވި އެ ނޫސްވެރިންގެ ބައްދަލުވުމަށާއި، ރައީސް ދެއްކެވި ސާބިތުކަމަށް ޢައްބާސް އިބްރާހީމް ވަނީ ތަޢުރީފް ކުރައްވާފައެވެ. އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ފެންނަނީ މަސްޢޫލުވެރިއެއްގެ ކިބައިން ފެންނަ އެންމެ މަތިވެރި ސިފަކަމަށް ސިފަކުރައްވާފައެވެ.

"އެމަނިކުފާނު ދެއްކެއްވި ނަމޫނާއަކީ އެކަމަށް ތަބާވާންޖެހޭ ކަމެއް. ޚަބަރާ، ކަންކަން ހިނގަމުންދާގޮތް ސާފުކޮށް އޮޅުންފިލުވައިދިނުމުގައި ކޮންމެ މަސްޢޫލުމީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް. އެކަން ހާމަކޮށްދެއްވަމުން އެގެންދެވީ. މިއީ ތާރީޚީ ބައްދަލުވުމެއް." ނ.ޢ.ޢ.ވ އައްބާސް އިބްރާހީމް ވިދާޅުވިއެވެ.

ޢައްބާސް އިބްރާހީމް ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ދިވެހި ނޫން ގޮތްތަކާއި ސިފަތަށް ފެތުރެމުންދާއިރު، އަނބުރާ ދިވެހިންގެ ރީތި ސަޤާފަތާއި އާދަކާދަތައް އަށަގެންނެވުމުގައި ނޫސްވެރިންގެ ދަޢުރު ވަރަށް ބޮޑަށް ފުޅާކުރަންޖެހިފައިވާކަމަށެވެ. ޤައުމިއްޔަތާއި، ސަޤާފަތް އަދި އާދަކާދަތައް ދިރުވުމުގައި ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް މިހާރަށްވުރެ ފަރުވާތެރިކަން ދިނުމަށް އައްބާސް އިބްރާޙިމް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެން ކުރާ ކަންކަމުގައި ދިވެހިންގެ ދިވެހިވަންތަ ގޮތްތައް އަށަގަންނުވަންޖެހޭ. ޤައުމިއްޔަތަށް ލޯބިކުރުމަކީ އަމިއްލަ ވަޒަންދެކެ ލޯބިވުން. އަޅުގަނޑުމެންގެ ހިތްވަރަކަށް ވާންޖެހޭނީ އަމިއްލަ ޝަހުސިއްޔަތު ސަލާމަތްކުރުމަށް މަސައްކަތްކުރުން." ނ.ޢ.ޢ.ވ އައްބާސް އިބްރާހިމް ވިދާޅުވިއެވެ.

ޢައްބާސް ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ކޮންމެ ޚަބަރު ގަޑިއަކީ އެ ޚަބަރުތަކަކަށް ރައްޔިތުން އުންމީދުގައި ތިބޭ ޚަބަރުތަކެއްކަމަށެވެ. ޕީއެސްއެމް ނިއުސްއިން ރައްޔިތުންނާ ހަމައަށް ޚަބަރާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ކުރަމުންދަ މަސައްކަތްތައް ފާހަގަކުރައްވާ ނ.ޢ.ޢ.ވ ޢައްބާސް އިބްރާހީމް ވަނީ ނިއުސްޓީމަށް ހިތްވަރުދެއްވާފައެވެ.