ޚަބަރު

އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމުން ހުރިހާ ސިނާއަތަކަށްވެސް ހިމާޔަތްތެރިކަންލިބޭ: ރައީސް


  • އަސްކަރިއްޔާގައި ވަނީ ވައިގެ ބާރެއް އުފައްދަވާފައި

  • ކޯސްޓްގާޑުގެ ފްލީޓު ވަރުގަދަކުރުމުގެ މަސައްކަތް ވަނީ ފަށްޓަވާފައި

ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ކުރާމަސައްކަތުން، ފަތުރުވެރިކަމުގެ ސިނާއަތާއި، އެނޫންވެސް ސިނާއަތްތަކަށް ހިމާޔަތްލިބި، އިންވެސްޓަރުންގެ އިތުބާރު ލިބޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކަށް ސުވާލު އުފައްދައި، ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފާއިތުވި ވިހި ނުވަތަ ފަންސަވީހަކަށް އަހަރު ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތްކަމަށާއި، އޮތީ އެކަށީގެންވާ ކުރިއެރުން ނުގެނެސް ވީރާނާވަން ދޫކޮށްލާފައިކަމަށެވެ. އަސްކަރިއްޔާއަކީ ޤައުމުގެ ދިފާޢީ ބާރުކަމަށާއި، މިއީ މިނިވަން ޤައުމެއްކަމަށް ރައީސް ވިދާޅުވިއެވެ. ޤައުމެއްގެ ދިފާޢީ ބާރުގައި އާރާއި ބާރު ހުންނަންޖެހޭނެކަން ފާހަގަކުރައްވަމުން ރައީސް ވަނީ ދިފާއީ ބާރު ޤާބިލް ބާރަކަށްވެސްވާންޖެހޭނެކަމަށެވެ. އެއީ އިޙްތިޔާރެއް ނޫންކަމަށާއި، އެއީ ދިވެހި ޤައުމުގެ ފަޚުރުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިއީ ޗޮއިސެއް ނޫނޭ. ދިވެހި ޤައުމުގެ ފަޚުރު ދިވެހި ސިފައިންނަކީ. އެހެންވީމަ އެއީ އަޅުގަނޑަށް އޮތް ހަމައެކަނި އޮޕްޝަނެއް ނޫން. އެއީ ކުރަންޖެހޭކަމެއް. އަޅުގަނޑު ކޮށްގެންހުރި ހުވައާއި މި ތަންފިޒްކުރާ ޤާނޫނު އަސާސީގެ ދަށުން ކުރަންޖެހޭކަމެއް. އެހެންވީމަ އެ މަސައްކަތްކުރަނީ. މިސާލަކަށް ފަޔަރ އެންޑް ރެސްކިއު ސަރވިސް. ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ އޮތް ހާލަތު. އެބަޖެހޭ އިންވެސްޓުކުރަން ކޯސްޓް ގާޑުގެ ޚިދުމަތަށްވެސް. ކޯސްޓްގާޑުގެ ފްލީޓު ހަމަ ރިޕީޓް މިކުރަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޚާއްޞަ ސަރަހައްދުގެ ބޮޑު ބަޔަކީ ކަނޑުކަމަށް ވީހިނދު އެއީ ފަރުވާ ކުޑަކުރަންޖެހޭކަމެއް ނޫންކަމަށާއި، ކަނޑުފޭރޭ މީހުންނާއި، ޤަވާއިދާ ޚިލާފަށް ދިވެހި މަސްކަނޑުތަކުން މަސްވެރިކަންކުރުމާއި، ބެހޭ ދިވެހި މަސްދޯނި ހޯދުމުގެ ކަންކަމަށްވެސް ޤާބިލްކަން އިތުކުރަންޖެހޭކަމަށެވެ. އެހެންކަމުން ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެކަމަށް ވަސީލަތްތައްވެސް އިތުރުކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"އާރމްޑު ވެހިކަލްސް އެއީ ބޭކާރު އެއްޗެއްގެގޮތުގައި އެ ވިދާޅުވާ ބޭފުޅުން އެއްގޮތަކަށްވެސް ނުވިސްނަވާކަންނޭގެ މިދެންނެވި އެއްވެސް އޭންގަލަކުން. ދެން ކުރިން ހޯދަފަ ހުރިއެއްޗެހި ހަލާކުވެފަހުރީ. އެއްވެސް ބޭކާރު ޚަރަދެއް އަޅުގަނޑުމެން ނުކުރަން. އެއަރގެ ޒަރިއްޔާއިން ބެލޭގޮތަށް ނިންމި ކަންތައް [އެއަރކޯރ] ޤާއިމްކުރުން. އެއީ ޒަމާނީ ވަސީލަތްހޯދީމަ ހަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެގެންގެ މި ބޮޑު ބިޔަ ސަރަހައްދު ބަލާލުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭކަމެއް. އަޅުގަނޑުމެންގެ ސަރަހައްދު އަޅުގަނޑުމެންނަށް ނުބެލޭގޮތަށް އޮތްއޮތުމަކީ ކުރަންޖެހޭކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހުރިހާކަމަކުން ފަތުރުވެރިކަމުގެ ސިނާއަތަށާއި އިތުރު ސިނާއަތައް ހިމާޔަތްކަން ލިބުމުގެ އިތުރުން އިންވެސްޓަރުންގެ އިތުބާރާ ޔަޤީންކަން ލިބޭކަމަށެވެ. ރާއްޖެއަކީ މިނިވަން، މުސްތަގިއްލު، އަދި އަމިއްލަ ބާރުވެރިކަމެއް އޮތް ޤައުމެއްކަން އިންވެސްޓަރުންނަށްވެސް ހާމަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ޒިންމާދާރުކަމާއެކު ކަންކަން ކުރާ ޤައުމެއްކަމާއި، އަމިއްލަވަންތަކަން އޮތް ބައެއްކަން ހާމަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އަސްކަރީ ޤާބިލުކަން އިތުރުކުރަނީ އެމަޤްޞަދުގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަސްކަރިއްޔާއަށް އިންވެސްޓްކުރުމަކީ ބައެއްގެ ވިޔަފާރިއަށް ކުރާކަމެއްކަން ބައެއް ފަރާތްތަކަށް ހީވަނީ މީގެކުރިން އެކަން އެގޮތަށް ހިނގާފައިވުމްކަމަށްވެދާނެކަމަށާއި، ނަމަވެސް އެކަހަލަ އެއްވެސް ނިޔަތެއް މަޤްޞަދެއް އަދި މަގުފަހިވާގޮތަށްވެސް އެއްވެސްކަމެއް އަދުގެ ސަރުކާރުން ނުކުރާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަސްކަރީ ޤާބިލްކަން އިތުރުކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން މިހާރު ދިވެހިރާއްޖޭގެ ސަރަހައްދު ބަލަހައްޓަމުންދަނީ އެންމެ ޒަމާނީ ޑްރޯން ބޭނުންކޮށްގެންނެވެ. ހަމައެހެންމެ ސިފައިންގެ އެއްގަމުގެ ބާރުވެސް ވަރުގަދަކުރުމަށް ވަނީ ޒަމަނީ އުޅަނދުތަކާއި ވަސީލަތްތައް ހޯދާފައެވެ. ކަނޑުގެ ބާރު ވަރުގަދަކުރުމަށް ސްޕެޝަން ބޯޓުރަން އުފަދައި އިތުރު ވަސީލަތްތައް ދަނީ ހޯދަމުންނެވެ.