ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިއްޔެ ބޭއްވެވި ތާރިޚީ ނޫސްވެރިންގެ ބައްދަލުވުން، ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް އައިސްފިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވީ ހެނދުނު 10:00ގައެވެ. މި ބައްދަލުވުން މެންދަމު ގާތްގަނޑަކަށް 01:00 ޖެހުމާއި ހަމައަށް ދެމގެންދިޔައެވެ. ހަމައެކަނި ނަމާދު ވަގުތުތަކަށް 15 ވަރަކަށް މިނެޓަށް މެދުކަނޑާލި ނޫސްވެރިންގެ މިބައްދަލުވުން 15 ގަޑިއިރަށް ދެމިގެންދިޔައިރު، އެ ހުރިހައި ވަގުތެއްގައިވެސް ރައީސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ގެންދެވީ ކޮޅަށް ހުންނަވައިގެން އެއްވެސް ފޫހިކަމެއް އަދި ވަރުބަލިކަމެއްވެސް ނެތި ސާބިތުކަމާއެކުއެވެ.
ނޫސްވެރިން ކުރެއްވި ކޮންމެ ސުވާލަކަށް ޖަވާބުދެއްވައި އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވައި ދޫކޮށްލައްވާފައިނުވެއެވެ. މިއީ ރާއްޖޭގެ ރައީސަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރަށް ދުނިޔޭގެ ލީޑަރަކުވެސް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ. އެހެންކަމުން މި ތާރިޚީ ނޫސްވެރިންގެ ބައްދަލުވުމަށް ވަނީ ދުނިޔޭގެ މީޑިއާގެ ސަމާލުކަން ލިބިފައެވެ.
#Livestream: Press briefing by President Dr Mohamed Muizzu https://t.co/G2doyyNDGb
— The President's Office (@presidencymv) May 3, 2025
ޖުމްލަ 36 ނޫސްވެރިން ބައިވެރިވެ، އެ ނޫސްވެރިން ބޭނުން ކޮންމެ ސުވާލެއް ބޭނުން ދާއިރާއަކުން ކުރެއްވުމުގެ ފުރުޞަތު އެއްވެސް ހިފެހެއްޓުމެއްނެތި ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ރެކޯޑުކުރެވިފައިވާގޮތުގައި ޖުމްލަ 300އަށްވުރެ ގިނަ ސުވާލު ނޫސްވެރިން ރައީސާއި ކުރައްވާފައިވެއެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަކީ ދުނިޔޭގެ ރިކޯޑެކެވެ. ކުރިން މި ރެކޯޑުއޮތް ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ، 2019 ވަނަ އަހަރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން 14 ގަޑިއިރަށް ދެމިހެންދިޔައިރު، ބެލަރޫސިއަމްގެ ލީޑަރު އެލެކްސެންޑަރ ލުކަޝެންކޯ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ދެމިގެންގޮސްފައިވަނީ 7 ގަޑިއިރަށެވެ. އެކަން ނޫސްތަކުގައި ވަނީ ފާހަގަކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތްތަނުގައި ގިނަގިނައި ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ސަރުކާރުގައި ވީހާވެސް ހާމަކަން ބޮޑުކޮށް މަޢުލޫމާތު ހާމަކުރުމަަށް އިސްކަންދެއްވާކަމަށާއި، އެއީ މުހިންމު ސިޔާސަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރާއި އެމަނިކުފާނުގެ ސިޔާސަތު ހާމަކުރެއްވުމަށް ރައްޔިތުންގެ އަޑުގެ ނަމުގައި ޚާއްޞަ ޕޯޓަލެއް ޤާއިމްކޮށް ރައްޔިތުންކުރާ ހުރިހައި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަދި ޚާއްޞަ ޕޮޑުކާސްޓެއް ފަށައި، މިހާތަނަށް 4 އެޕިސޯޑުގައި ވަނީ ސަރުކާރުގެ އެކި ސިޔާސަތުތަކުގެ ތަފްސީލީ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ. ހަމައެހެންމެ އަހާ ނަމުގައި ފޯރަމްތައް ބައްވައި ވަޒީރުން މެދުވެރިކޮށް، ސިލްސިލާގޮތެއްގައި ވަނީ މައުލޫމާތާއިި، އެ ވުޒާރާތަކުގެ މަސައްކަތްތައް ދަނީ ހާމަކުރައްވަމުންނެވެ. އަހާގެ ބައެއް ފޯރަމްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ރައްޔިތުން ކުރައްވާ ސުވާލުތަކަށްވެސް ގެންދަވަނީ ޖަވާބުދެއްވަމުންނެވެ.
އެހެންކަމުން މިއީ މިހާތަނަށް ސަރުކާރަކުން އެންމެ ހާމަކަންބޮޑުކޮށް މަޢުލޫމާތު ހިއްސާކޮށް، މަޢުލޫމާތު ޢާންމުކުރާ ސަރުކާރުކަމަށްވެސް ގިނަބަޔަކު ދެކެއެވެ.