ޚަބަރު

ރަން މެޑަލް ހޯދުމުގެ ޖޯޝުގައި ޤައުމީ ބީޗް ހޭންޑްބޯލް ޓީމް އޮމާންއަށް ފުރައިފި


ރާއްޖޭން މުޅިން އަލަށް ވާދަކުރާ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕުގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ޓީމު އޮމާން އަށް ފުރައިފިއެވެ.

8 މަސް ދުވަހުގެ ފަރިތަކުރުންތަކަށްފަހު މިއަދު ރާއްޖޭގެ ޤައުމީ ހޭންޑް ބޯލް ޓީމް އޮމާންއަށް ފުރާފައިވަނީ މުބާރާތުން މެޑަލެއް ހޯދުމުގެ އަމާޒުގައި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމު ތައްޔާރުކޮށްދިނީ ސަރަހައްދީ ފެންވަރުގެ ބޮޑެތި މުބާރާތްތަކުގެ ތަޖުރިބާހުރި ޕާކިސްތާނުގެ މަޝްހޫރު ކޯޗު އާސިމް ރާޝިދެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ މި މުބާރާތަށް ޓީމު އޮތީ ވަރަށް ޖޯޝުގައި ކަމަށާއި، ތައްޔާރީތަކާއިމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

ޓީމުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއާއި މައުލޫމާތު ހިއްސާ ކުރައްވަމުން މުޖުތަބާ ވިދާޅުވީ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕަށް ރާއްޖޭން ތައްޔާރުކުރި ފުރަތަމަ ޓީމަށް އިރުޝާދު ދެމުން އަންނަ ޕާކިސްތާނުގެ ކޯޗު އާސިމް ރާޝިދުގެ މަސައްކަތާއި މެދުވެސް ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

ރާއްޖޭން މެޑައްޔެއް ހޯދުމުގެ އަމާޒުގައި މި މުބާރާތަށް ތައްޔާރުކުރި ބީޗް ހޭންޑް ބޯޅަ ޓީމަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިންނާއެކު އެކުލަވާލާފައިވާ ޓީމެވެ. ޓީމުގެ ފަރިތަކުރުންތައްވެސް ކުރިޔަށް ދިޔައީ ކުޅުދުއްފުށި ސިޓީގައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކު ރޭގަނޑާއި ދުވާލުވެސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާ، ބީޗް ހޭންޑް ބޯޅައަށް ހާއްސަ 2 ކޯޓު ތަރައްގީކޮށްދީފައިވާއިރު ގައުމީ ޓީމުގެ ކޯޗުގެ ހުރުމާއި ކެއުމުގެ ކަންތައްތަކުގައިވެސް ސިޓީ ކައުންސިލުން ހޭންޑްބޯލް މޯލްޑިވްސް އަށް ވަރަށް ބޮޑު އެއްބާރުލުމެއްދެއެވެ.

އޮމާނަށް ފުރި ޤައުމީ ޓީމާއި ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ރޭ ހެންވޭރު ބޯޅަގޭގައި ބާއްވާފައިވާއިރު އެ ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއު އާއި އޮލިމްޕިކް ކޮމިޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެން ޓީމަށް ހިތްވަރު ދެއްވާފައިވެއެވެ.