އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީގު ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވެއްޖެ އެވެ.
މި މެޗުން ޗެލްސީ މޮޅުވުމާއިއެކު ގަދަ ފަހެއްގައި ހިމެނި ޗެމްޕިއަންސް ލީގުގެ ޖާގައެއް އަންނަ ސީޒަނުގައި ހޯދުމަށް މަސައްކަތް ކުރަމުންދާ ޗެލްސީއަށް ވަނީ ހިތްހަމަޖެހުމެއް ލިބިފަ އެވެ. މި ނަތީޖާ އާއިއެކު އެ ޓީމަށް ވަނީ 63 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. ނޮޓިންހަމް ފޮރެސްޓާއި އެސްޓަން ވިލާއަށް 60 ޕޮއިންޓާއެކު ހަވަނަ އާއި ހަތްވަނަ މަގާމް ލިބިފައިވާއިރު ހަތަރުވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށްވެސް ލިބިފައިވަނީ 63 ޕޮއިންޓެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގެ ތިންވަނަ މިނިޓުގައި އަރިމަތިން ޕެޑްރޯ ނެޓޯ ނަގައިދިން ބޯޅަ އަކުން ކެޕްޓަން އެންޒޯ ފެނާންޑޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް ޗެލްސީއަށް ލީޑު ނަގައިދީފަ އެވެ.
ޗެލްސީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 56 ވަނަ މިނިޓުގައި އެ ޓީމުގެ ޑިފެންޑަރ ޖަރެލް ކެންސާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް މި މެޗަށް ނެރުނު ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް އޭނާ ވަނީ ދެވަނަ ހާފުގައި ޓީމަށް ފަސް ބަދަލެއް ގެނެސްފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލް އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފަ އެވެ. އެގޮތުން މުހައްމަދު ސަލާ އާއި ޑާވިން ނޫނޭޒްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
ލިވަޕޫލް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ވެންޑައިކް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ޗެލްސީއަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުވެގެންދިޔައީ މި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކޯލް ޕާމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މިދިޔަ ޖެނުއަރީ މަހަށްފަހު ޕާމާއަށް ކާމިޔާބުކުރެވުނު ފުރަތަމަ ލަނޑެވެ.