ޚަބަރު

ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭނަން: ރައީސް


  • ތެލަސީމިއާ ކޮމިއުނިޓީންވަނީ އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައި

  • ތެލަސީމިއާ ކޮމިއުނިޓީން ފާހަގަކުރެއްވިކަންކަން ބައްލަވާނެކަމަށް ރައީސް ވިދާޅުވި

ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް މިސަރުކާރުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީއާއެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ ސަރުކާރުން އެ ކޮމިއުނިޓީގެ ކަންބޮޑުވުންތައް އައްސަވައި އެކަންކަމަށް ޙައްލު ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުން ވަނީ އިތުރަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެގޮތުން ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ މި ސަރުކާރުން ތަރައްޤީކުރާ ތެލަސީމިއާ ހޮސްޕިޓަލްގެ ކަންކަން އެންމެ ފުރިހަމައަށްގެންދިއުމަށް އެބޭފުޅުންގެ މަޝްވަރާއާއި ޚިޔާލާއި ވިޝަންއާއެކު ކުރިއަށްގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ތެލަސީމިއާ ގުޅޭ ނިންމުމެއް ނިންމަވާނަމަ، އެކޮމިއުނިޓީގެ ބައިވެރިވުން ހިމެނިގެންދާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު، މިބައްދަލުކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީން ވަނީ މޯލްޑިވްސް ބްލަޑް ސަރވިސްއިން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެމްބީއެސްގެ ޚިދުމަތް ވިލަރެސްކޮށް މުޅި ރާއްޖެއަށް ދެވޭނެގޮތަށް ފުޅާކުރެއްވުމަށާއި ޕޭޝަންޓުންނާ ވީހާވެސް ގާތުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މިކަންކަމުގެ ތަފްޞީލީ މަޢުލޫމާތު ތެލަސީމިއާ ކޮމިއުނިޓީންވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުންވަނީ ސަރުކާރަކުން ތެލެސީމިއާ ކުދިންނަށް ޚާއްޞަކޮށް މެނިފެސްޓޯގައި ކަންކަން ހިމަނައިގެން ކުރިއަށްދާ ސަރުކާރަކީ މިސަރުކާރުކަން ފާހަގަކުރައްވާފައެވެ. އަދި ތެލެސީމިއާ ކުދިންނާ ގުޅޭ ކަންކަމުގެ ސިޔާސަތުތައް ކަނޑައަޅާއިރު ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީން ފާހަގަކުރެއްވިކަންކަން
ވަރަށް ރަނގަޅަށް، ސަމާލުކަން ދެއްވައިގެން ބައްލަވާނެކަމަށެވެ. އަދި ތެލެސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަން ޤަބޫލުފުޅު ކުރައްވާކަމުގައި ފާހަގަކުރައްވައި، އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
އަދި މިބައްދަލުވުމުގައި ފާހަގަކުރެއްވި ހުރިހާ ކަންކަމަކީވެސް ވަރަށް މުހިންމު ކަންކަން ކަމަށާއި އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.