އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިޔާގެ ކޯސްޓްގާޑުން އިސްނަގައިގެން ކުރިއަށްގެންދާ ތަމްރީންތަކުގައި ބައިވެރިވަމުންދާ 9 ޤައުމެއްގެ އޮފިސަރުންނާއި ކްރޫން ރާއްޖެ އަތުވެއްޖެއެވެ. މި އޮފިސަރުން ރާއްޖެ އައީ އިންޑިޔާގެ މަނަވަރެއްގައެވެ.
ސެކިޔުރިޓީ އެންޑް ގްރޯތު ފޮރ އޯލް އިން ދި ރީޖަން، ސާގަރގެ ނަމުގައި ފަށާފައިވާ މި ތަމްރީންތަކުގައި ރާއްޖޭގެ އޮފިސަރަކާއި ކޯސްޓްގާޑުގެ 3 ކްރޫން ބައިވެރިވެއެވެ.
މި ޕްރޮގުރާމާ ގުޅޭ މަޢުލޫމާތު ދެއްވަމުން މަނަވަރުގެ ކޮމާންޑަރ ކަމާލް ސިންގް ރާނާ ވިދާޅުވީ އިންޑިއާގެ މަނަވަރުގައި ދަތުރުތައް ފެށީ މިދިޔަ މަހުގެ 5 ވަނަ ދުވަހު ކަމަށެވެ. އަދި މި ދަތުރުތަކުގައި ރާއްޖެ ހިމެނޭހެން 5 ޕޯޓަކަށް ބަނދަރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމާންޑަރ ވިދާޅުވީ އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގެ ޤައުމުތަކުގެ ނޭވީ އޮފިސަރުންނާއި ކްރޫން މިމަނަވަރުގައި ތަމްރީން ހަދަމުންދާ ކަމަށެވެ. އެ ގޮތުން 12 އޮފިސަރަކާއި 32 ކްރޫ މެންބަރުން ތަމްރީން ހަދަމުންދާކަމަށް ކޮމާންޑަރު ވިދާޅުވިއެވެ.
"އިންޑިޔާ ކަނޑުގައި މިހަދާ ތަމްރީންތަކުގައި ބައިވެރިވާ އެންމެންހެން ކިޔަވާފައިވަނީ އިންޑިޔާއިން. ކަނޑުގައި ހަދާ ތަމްރީންތަކުގެ ތެރެއިން ކަނޑުގައި ބަޑި ޖެހުމާއި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމާ ބެހޭ ތަމްރީންތައް ހަދާފައިވޭ." ކޮމާންޑަރ ވިދާޅުވިއެވެ.
މިތަމްރީންތަކުގައި ބައިވެރިވާ ބައެއް ޤައުމުތަކުގެ ނޭވީ އޮފިސަރުން ވިދާޅުވީ މި ޕްރޮގުރާމްތަކުގެ ތެރެއިން ވަރަށް ރަނގަޅު ތަޖުރިބާތަކެއް ކުރެވުނު ކަމަށެވެ. އަދި މެރިޓައިމް ސެކިޔުރިޓީގެ ދާއިރާއިން ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަކަން އޮފިސަރުން ފާހަގަކުރެއްވިއެވެ.
ސަރަހައްދީ 9 ޤައުމެއް ގުޅިގެން މިހަދާ ތަމްރީންތަކުގެ ސަބަބުން އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށް ކުރިއެރުން ލިބޭނެކަން ދިވެހިރާއްޖޭގެ ޤައުމި ދިފާޢީ ބާރުންވެސް ފާހަގަކުރައްވައެވެ.