ބ.މާޅޮހުގައި ފުލުހުންގެ ޢިމާރާތަކާއި، އަދި މިސްކިތެއްގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްތިންގ ކޮމްޕެނީ އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ފުލުހުންގެ ޚިދުމަތް ރައްޔިތުންނާއި ގާތުން ފޯރުކޮށްދީ އަމާން މުޖުތަމަޢެއް ބިނާކުރުމަކީ، ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މިގޮތުން މާޅޮހުގައިވެސް ފުލުހުންގެ ޢިމާރާތެއް ތަރައްޤީކޮށް އެޚިދުމަތް ދިނުމަށް މާޅޮހުގައި ޕޮލިސް ޕޯސްޓު ޢިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީންވަނީ މިހާރު ތައްޔާރުވެފައެވެ.
ބ. މާޅޮހުގައި 2 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ
— MTCC Plc (@MTCCPlc) May 6, 2025
ޕްރެސް ރިލީޒް: https://t.co/2ZRWjUEK4c pic.twitter.com/pc91n4tmxC
އެމްޓީސީސީން ވިދާޅުވީ އެކުންފުނިން މާޅޮހުގައި ތަރައްޤީކުރަނީ 500 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށެވެ. ރަށްރަށުގައި ޒަމާނީ މިސްކިތްތައް ބިނާކޮށް އެތަންތަނުގައި ކީރިތި ޤުރުއާން ކިޔަވާ ދީނީ މައުލޫމާތު ފެތުރުމުގެ މަގު ފަހިކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. 700 މީހުންގެ އާބާދީއެއް އޮންނަ މާޅޮހުގައި ކުރިއަށްގެންދާ ތަރައްޤީގެ މިމަޝްރޫއުތަކާކީ އެރަށުގެ ކުރިއެރުމަށް މުހިއްމު މަޝްރޫޢުތަކެއްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުގައި ތަރައްޤީއާއި ގުޅުންހުރި ގިނަ މަޝްރޫޢތަކެއް އެމްޓީސީސީންދަނީ ހިންގަމުންނެވެ. މިގޮތުން އެކި ސަބަބުތަކާއި ހެދި ހުއްޓިފައިވާ އެކި މަޝްރޫޢުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްގެން ސަރުކާރުންގެންދަވަނީ ކުރައްވަމުންނެވެ. މީގެ ތެރޭގައި ބަނދަރުގެ މަސައްކަތްތަކާއި، މަގު ހެދުމާއި އަދި ރަށްރަށުގެ ސްކޫލް ޢިމާރާތްކުރުމާއި، މިސްކިތް ތަރައްޤީކުރުމާއި ފުލުހުންގެ ޢިމާރާތްތައް އެޅުމާއި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ތަރައްޤީކުރުން ހިމެނެއެވެ.